2023 ވަނަ އަހަރުގެ ޖޫން މަހު 5 މީހުންގެ ފުރާނަ ގެއްލުނު ޓައިޓަން ސަބްމެރިން ގޮވުމުގެ ހާދިސާއާ ގުޅޭ އަޑުއެހުންތަކުގެ ފުރަތަމަ ހަފްތާ އެމެރިކާގެ ކޯސްޓް ގާޑުން ނިންމާލައިފައެވެ.
މި ތަޙްޤީޤާއި އަޑުއެހުންތަކުގެ މަޤްޞަދަކީ މި ހާދިސާ ހިނގި ސަބަބު ހޯދުމާއި މުސްތަޤްބަލުގައި މިފަދަ ހާދިސާތައް ހިނގިޔަ ދިނުން ހިއްޓުވުމެވެ.
ޓައިޓަން ސަބްމެރިން ދަތުރުކުރަމުން ދިޔައީ ކަނޑުގެ އެންމެ ފުން ސަރަޙައްދުތަކުގެ ތެރެއިން އެއް ސަރަޙައްދުގައިވާ ޓައިޓެނިކް އުޅަނދުގެ ބަލާށެވެ. މި ތަޙްޤީޤުން ހާމަވި މުހިންމު ކަންތައްތަކުގެ ތެރޭގައި، ސަބްމެރިންގެ ފަޅުވެރިންގެ އެންމެ ފަހު މުވާޞަލާތްތަކު ތެރޭގައި "ހުރިހާ ކަމެއްވެސް ރަނގަޅު" ކަމަށް ބުނެފައިވާކަން ހިމެނެއެވެ.
ކަނޑުމަތީގައި އޮތް އުޅަނދުގައި ތިބި ފަޅުވެރިން، ސަބްމެރިންގެ ފުންމިނާއި ބަރުދަނާ ބެހޭ ގޮތުން ސުވާލުކުރިއެވެ. އަޑިއަށް ފައިބަން ފެށިތާ ގާތްގަނޑަކަށް އެއް ގަޑިއިރު ފަހުން، ޓައިޓަން 3،346 މީޓަރުގެ ފުންމިނެއްގައި އޮތްއިރު އެންމެ ފަހު މެސެޖު ފޮނުވިއެވެ. އުޅަނދުގެ ފަޅުވެރިން އަންގާފައިވަނީ ބަރުތަކެއް ދޫކޮށްލައިފިކަމަށެވެ. އޭގެ ފަހުން މުވާސަލާތު ކެނޑިގެން ދިޔައެވެ. ބަރުތައް އާންމުގޮތެއްގައި ދޫކޮށްލާނީ އެމަޖެންސީ ހާލަތްތަކުގައި އަވަހަށް ކަނޑުމައްޗަށް އެރުމަށެވެ.
މިޝަންގެ ސްޕެޝަލިސްޓް ރެނާޓާ ރޯޖަސް ވަނީ ފަޅުވެރިން ދަތުރު ފެށުމުގެ ކުރިން "ހިނިތުންވެފައި" ތިބިތަން ފެނުނު ކަމަށް ބުނެފައެވެ. އޭނާ ބުނި ގޮތުގައި އުޅަނދު ރަޖިސްޓްރީކޮށްފައި ނުވިޔަސް އަދި ގިންތިކޮށްފައި ނުވިޔަސް، ނުރައްކާތެރިކަމެއް އިޙްސާސްވެފައެއް ނުވެއެވެ.
އޯޝަންގޭޓްގެ ކުރީގެ އޮޕަރޭޝަންސް ޑިރެކްޓަރ ޑޭވިޑް ލޮކްރިޖް ވަނީ އަހަރުތަކެއް ކުރިން ސަލާމަތީ ކަންބޮޑުވުންތަކެއް ހުރިކަން އަންގާފައިވާ ކަމަށް ހެކިބަސް ދީފައެވެ. އޭނާ ބުނި ގޮތުގައި މި ހާދިސާއަކީ "ކޮންމެސްއިރަކުން ވާނެ ކަމެއް" އެވެ. އެއީ ކުންފުނިން އާންމު ގަވާއިދުތަކާ އެއްގޮތަށް ޢަމަލުކޮށްފައި ނުވާތީއެވެ.
ކޯސްޓް ގާޑުން ވަނީ ޓައިޓަންގެ ރެކެޖް ދައްކުވައިދޭ އައު ފުޓޭޖްތަކެއްވެސް އާންމުކޮށްފައެވެ. އަދި ސަބްމެރިން އުފައްދާ ފަރާތެއް ކަމަށްވާ ޕެޓްރިކް ލަހީ ވަނީ މި އުޅަނދުގެ ޑިޒައިނާއި ސަލާމަތީ ފިޔަވަޅުތަކަށް ފާޑުކިޔާ، އެއީ "އެމެޗުއާ ފެންވަރުގެ" އެއްޗެއް ކަމަށް ބުނެފައެވެ. ނުވަތަ ޕްރޮފެޝަނަލް ކޮށްހަދާފައިވާ އުޅަނދެއް ނޫންކަމަށް ބުނެފައިއެވެ.
ތަޙްޤީޤުކުރާ ފަރާތްތަކުން ޖަވާބުތަކާއި އިޞްލާޙުތައް ހޯދުމަށް މަސައްކަތްކުރަމުންދާއިރު، އަޑުއެހުންތައް ކުރިއަށްދަނީއެވެ.