އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އެމެރިކާގެ ނިއުޔޯކަށް ވަޑައިގެންފިއެވެ.

މިއީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް އެމެރިކާއަށް އަދި އދ.އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

އެމެރިކާއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާވިދާޅުވީ، ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޮކްޓަރ ޢަލީ ނަސީރު މުޙައްމަދެވެ. މި ދަތުރުފުޅުގައި އދ.ގެ އާންމު މަޖިލީހުގެ އެކި ބައްދަލުވުންތަކުގައި ރައީސް ތަގުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން އދ.ގެ ސަލާމަތީ މަޖިލީހުގެ ހާއްސަ ބަހުސެއްގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ހިނގަމުންދާ "ސަމިޓް އޮފް ދަ ފިއުޗަރ"ގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ހަމައެއާއެކު، ޕްރިންސްޓަން ޔުނިވަރސިޓީގެ ދަރިވަރުންނާ މުހާތަބުކުރައްވައި ރައީސް ތަގުރީރު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.