އިނގިރޭސި ޕްރިމިއަރ ލީގުގައި މަޝްހޫރު ލިވަޕޫލް އާއި ޗެލްސީ މިރޭ ފަސޭހަކޮށް މޮޅުވެއްޖެއެވެ.

މިސީޒަނުގައި ދަށް ނަތީޖާތަކެއް ލިބުނު ޗެލްސީ ރަށުން ބޭރުގައި ވެސްޓްހޭމް ޔުނައިޓެޑް އަތުން މޮޅުވީ 3-0 އިންނެވެ. ފުރަތަމަ ދެލަނޑު ކާމިޔާބު ކޮށްދިނީ ސެނަގާލްގެ އުއްމީދީ ފޯވާޑް ނިކޮލަސް ޖެކްސަންއެވެ. ފުރަތަމަ ލަނޑު އޭނާ ކާމިޔާބު ކުރީ 4 ވަނަ މިނެޓުގައެވެ. އަދި ދެވަނަ ލަނޑު ޖެހީ 18 ވަނަ މިނެޓުގައެވެ. ޗެލްސީގެ ތިންވަނަ ލަނޑު، 47 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އިންގްލެންޑުގެ ހުނަރުވެރި މިޑްފީލްޑަރު ކޯލް ޕާމާއެވެ.

މިމޮޅާއެކު ތާވަލުގެ ހަތަރުވަނައިގައި ޗެލްސީ މިހާތަނަށް ކުޅުނު 5 މެޗުގެ ތެރެއިން 3 މެޗް ކާމިޔާބުކޮށް، އަދި 1 މެޗް އެއްވަރުކޮށް 10 ޕޮއިންޓާއެކުއެވެ.

ފާއިތުވެދިޔަ ހައެއްކަ ސީޒަނުގައިވެސް ލީގުގެ ގަދަ ހަތަރެއްގައި ހިފަހައްޓައި، ތައްޓަށް ވާދަކުރި ލިވަޕޫލް މިރޭ މޮޅުވީ އަމިއްލަ ދަނޑުގައި ބޯންމައުތާ ވާދަކޮށް 3-0 އިންނެވެ. ފުރަތަމަ ލަނޑާއި ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މިސީޒަނުގައި ވަރަށް ރަނގަޅު ފޯމެއްގައި ހުރި ކޮލަމްބިއާގެ ނުރައްކާތެރި ވިންގަރ ލުއިޒް ޑިއާޒްއެވެ. ތިންވަނަ ލަނޑު ޖެހީ އުރުގުއޭގެ ފޯވާޑް ޑާވިން ނުނޭޒްއެވެ.

މިމޮޅާއެކު ލިވަޕޫލް ވަނީ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލާފައެވެ. އެއީ ތާވަލުގެ ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށްވުރެ ފައިދާ 1 ލަނޑު އިތުރުވުމުންނެވެ. އެކަމަކު މާދަމާ ރޭ އާސެނަލް އަތުން މޮޅުވެއްޖެނަމަ ސިޓީއަށް އަލުން ތާވަލުގެ އެއްވަނަ ލިބުމުގެ ފުރުސަތު އެބައޮތެވެ. ތާވަލުގެ 3 ވަނައިގައި އެސްޓަންވިލާ އޮތީވެސް 12 ޕޮއިންޓާއެކުކަން ފާހަގަ ކޮށްލެވެއެވެ.