ކުޑަ ދުވަސްކޮޅެއްގައި ޖެހިޖެހިގެން ބައިވަރު މެޗުތަކެއް ކުޅެން ޖެހުނަސް އެކަން ބަހަނާއެއް ގޮތުގައި ނުދައްކާނެ ކަމަށް ސްޕެއިންގެ ގަދަ ބާރެއްް ކަމުގައިވާ ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފިއެވެ.
އިއްޔެ ބޭއްވި ބަސްދީގަތުމެއްގައި ވާހަކަދައްކަމުން ފްލިކް ވަނީ ކޮންމެ ހަތަރު ދުވަހަކުން އެއް ދުވަހު ފުޓުބޯޅަ މެޗެއް ކުޅެން ޖެހުމުގެ ސަބަބުން ޓީމަށް ދިމާވާ ދަތިތަކުގެ މައްޗަށް އަލިއަޅުވާާލާފައެވެ. ނަމަވެސް އެ ކަން ބަހަނާއަކަށް ނުދައްކާ، ހުރިހާ މެޗަކަށް ވެސް ބާސާއިން ނިކުންނާނީ ފުރިހަމައަށް ތައްޔާރުވެގެން ކަމުގެ ޔަގީންކަން ފްލިކް ވަނީ ސަޕޯޓަރުންނަށް ދީފައެވެ.
"ސީޒަން ފެށުނުއިރު އަހަރެން ބުނިން އެއް ވެސް ބަހަނާއެއް ނުދައްކާނަން ކަމަށް. ކޮންމެ ހަތަރު ދުވަހުން އެއް ދުވަހު މެޗެއް ކުޅެން ޖެހުނަސް އަހަރެމެނަށް އެކަން ކުރެވޭނެ. ބާސާގެ ޓީމަކީ ވަރުގަދަ ޓީމެއްކަން ލީގުގެ ނަތީޖާތަކުން ވަރަށް ސާފުކޮށް ހާމަވޭ" ބަސްދީގަތުމުގައި ވާހަކަދައްކަމުން ފްލިކް ބުންޏެވެ.
ބަހަނާއެއް ނުދައްކާ ހުރިހާ މެޗަކުން ނަތީޖާ ނެރެން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ފްލިކް ދިން ނަމަވެސް ބާސާ މި ވަގުތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. ފްލިކްގެ ހުނަރުވެރި އިރުޝާދުތަކުގެ ސަބަބުން ބާސާއަށް ނަތީޖާ ނެރެވުނު ކަމުގައިވިއަސް އެ ޓީމުގެ މުހިއްމު އެތައް ކުޅުންތެރިންނެއް މި ވަގުތު ތިބީ އިންޖަރީގެ ސަބަބުން ކުޅުމާ ދުރުގައެވެ.
ބުރާސްފަތި ދުވަހު ރޭ ޗެމްޕިއަންސް ލީގުގައި މޮނަކޯ އަތުން 2-1 އިން ބަލިވި ބާސެލޯނާ ދެން ނިކުންނާނީ ސްޕެނިޝް ލަލީގާގައި ވިއަރިއަލްއާ ދެކޮޅަށެވެ. މާދަމާ ރޭ 21:30 ގައި ވިއަރިއަލްއާ ދެކޮޅަށް ބާސާއިން ނިކުންނައިރު، އެ ޓީމު ވަނީ މި ސީޒަނުގައި ލީގުގައި ކުޅުނު ފަސް މެޗު ވެސް ކާމިޔާބުކޮށްފައިކަން ފާހަގަކޮށްލަން ޖެހެއެވެ.