ޖަރުމަނުގެ ބުންޑަސްލީގާގައި މިއަދު ކުޅުނު މެޗުގައި ވާޑާ ބްރޭމެން އަތުން 5-0 އިން މޮޅުވެ ބަޔާން މިއުނިކުން ލީގުގެ އެއްވަނަ ދިފާއުކޮށްފިއެވެ.
ވާޑާގެ ދަނޑުކަމުގައިވާ ވަސާސްޓޭޑިއޮންގައި ރޭ ކުޅުނު މެޗުގައި ބަޔާންގެ ފަރާތުން ފެނިގެންދިޔައީ ވަރުގަދަ ކުޅުމެކެވެ. ބަޔާނުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ 23 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މި ދިޔަ ހޫނު މޫސުމުގެ ޓްރާންސްފަރ ވިންޑޯރގައި ކްރިސްޓަލް ޕެލޭސްއިން އެ ޓީމާ ގުޅުނު ޒުވާން ފޯވާޑް، މައިކަލް އޮލީސޭއެވެ. އޮލީސޭ، ބަޔާނަށް ލީޑު ނަގައިދިންތާ 9 މިނެޓު ފަހުން އެ ޓީމުގެ ޒުވާން މިޑްފީލްޑަރު ޖަމާލް މުސިއާލާ ވަނީ ލަނޑު ޖަހާ ބަޔާނުގެ ލީޑު ދެ ގޯލަށް އިތުރުކޮށްދީފައެވެ.
ބަޔާނުގެ ތިންވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އިނގިރޭސި ވިލާތުގެ ހުނަރުވެރި ސްޓްރައިކަރު ހެރީ ކޭންއެވެ. މި ލަނޑަކީ، ލީގުގެ ހަތަރު މެޗުގައި ކޭން ކާމިޔާބު ކުރި ފަސްވަނަ ލަނޑެވެ.
މެޗުގެ 60 ވަނަ މިނެޓުގައި އޮލީސޭ ވަނީ މެޗުގައި އޭނާގެ ދެވަނަ ލަނޑު ޖަހާ ބަޔާނުގެ ލީޑު ހަތަރު ގޯލަށް އިތުރުކޮށްފައެވެ. އޭގެ 5 މިނެޓު ފަހުން ސާޖް ގްނަބްރީ ވަނީ ބަޔާނުގެ ފަސްވަނަ ލަނޑު ކާމިޔާބު ކޮށް، ބަޔާން ފަސޭހަ މޮޅެއް ކަށަވަރުކޮށްދީފައެވެ. މި މެޗުގައި އާދަޔާހިލާފު ދަށް ކުޅުމެއް ދެއްކި ވާޑާ ބްރޭމެންއަށް ބަޔާނުގެ ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވައި ނުލެވުނުއިރު، އެންމެ ހަމަލާއެއް އުފެއްދިފައި ވެސް ނުވެއެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ބަޔާން އޮތީ ލީގުގައި މިހާ ތަނަށް ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބު ކޮށް ލިބުނު 12 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައެވެ. ބުންޑަސްލީގާގައި މިހާ ތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކުރި ހަމައެކަނި ޓީމަކީ ބަޔާންކަން ފާހަގަކޮށްލަން ޖެހެއެވެ.