ފަލަސްތީނުގެ ރާމަﷲ ގައި ހުންނަ އަލްޖަޒީރާގެ އޮފީސް 45 ދުވަހުގެ ތެރޭގައި ބަންދު ކުރަން ސަހްޔޫނީ އިޒްރޭލުން އަންގައިފިއެވެ.

ޤަތަރުގެ މަޝްހޫރު ޚަބަރު ފަތުރާ ޗެނަލް "އަލްޖަޒީރާ" އިޒްރޭލު ތެރޭގައި އޮޕަރޭޓް ކުރުން މީގެ ހަތަރު މަސް ކުރިން މަނާކޮށްފައިވާއިރު، ރާމަﷲ އަކީ އދ.އިން ކަނޑައަޅާފައިވާ ފަލަސްތީނުގެ ބޯޑަރު ތެރޭގައި ހިމެނޭ ސަރަހައްދެކެވެ.

ރާމަﷲ ގައި ހުންނަ އަލްޖަޒީރާގެ އޮފީސް ބަންދު ކުރުމަށް ކޯޓް އަމުރު ހިފައިގެން ވަދެގަތީ ޒަޔަނިސްޓް ހައްދު ފަހަނައެޅި ސިފައިން ހަތިޔާރާއެކުއެވެ. "އަލް ޖަޒީރާ އޮފީސް 45 ދުވަހުގެ ތެރޭގައި ބަންދު ކުރުމުގެ އަމުރެއް އަބައޮތް. މި އަންގަނީ ހުރިހާ ކެމެރާތައް ހިފައިގެން މިތަނުން ދިޔުމަށް" ޒަޔަނިސްޓް ސިފައިންގެ މީހާ، ބިއުރޯ ޗީފް ވަލީދު އަލް އުމަރީއަށް އިންޒާރު ދެމުން ބުންޏެވެ.

ޒަޔަނިސްޓް ސިފައިން ރާމަﷲ ގައި ހުންނަ އަލްޖަޒީރާ އޮފީހަށް ވަދެގަތް މަންޒަރާއި ދައްކަމުން ދިޔަ ވާހަކަތައް ވަގުތުން އަލްޖަޒީރާއިން ދިޔައީ ދުރަށް ދައްކަމުންނެވެ.

https://www.abc.net.au/news/2024-09-22/israeli-forces-storm-al-jazeera-bureau-in-west-bank/104381630

ޒަޔަނިސްޓް އަސްކަރިއްޔާއިން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން އަންނަ ޤަތުލް ޢާންމުގެ މަންޒަރުތައް އެންމެ ކައިރިން ގެނެސް ދެމުން އަންނަ މީޑިޔާއަކީ އަލްޖަޒީރާއެވެ. މިކަމާ ހުރެ ޒަޔަނިސްޓް އިޒްރޭލުގެ އިސްވެރިންގެ ބަހުގެ ހިތްހަމަ ނުޖެހުން އަލްޖަޒީރާއަށް އޮތީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. މީގެ އިތުރުން ޒަޔަނިސްޓް ސިފައިން ގަސްތުގައި އަލްޖަޒީރާގެ ނޫސްވެރިންނަށް ހަމަލާދީ ޝަހީދު ކޮށްލާފައިވާކަންވެސް ފާހަގަ ކޮށްލެވެއެވެ.