ދިވެހިރާއްޖެއަކީ ޑިޖިޓަލް އީޖާދުތަކުން ޒުވާނުން ބާރުވެރިވެފައިވާ، އިގުތިސާދީ ފުރުސަތުތައް އިތުރު، އިޖުތިމާޢީ ހަމަހަމަކަން ގާއިމުވެފައި އޮންނަ ރާއްޖެއެއްގެ ގޮތުގައި މުސްތަގުބަލުގައި ފެނިގެންދިއުމަށް އެދިވަޑައިގަންނަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އދ.ގެ މައި އިދާރާގެ އާންމު މަޖިލީހުގެ ހޯލުގައި ކުރިޔަށްދިޔަ ސަމިޓް އޮފް ދަ ފިއުޗަރ ހުޅުވުމުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި މަލްޓިލެޓަރަލް ނިޒާމަކީ ހަމައެކަނި ކަނޑައެޅިފައި އޮންނަ ކޮންސެޕްޓެއްގެ ބަދަލުގައި އެއީ ދުނިޔެއަށް ކުރިމަތިވެފައިވާ އެކި މައްސަލަތަކުގައި އަމަލީގޮތުން މަސައްކަތްކުރެވޭ ނިޒާމަކަށް ވާންޖެހޭކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ މަލްޓިލެޓަރަލް ނިޒާމު އިތުރަށް ހަރުދަނާކޮށް އެދެވޭ ނަތީޖާ ނެރެވޭނެ 3 ގޮތެއް ފާހަގަ ކުރައްވާފައެވެ.
ފުރަތަމަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ޒުވާނުން ބާރުވެރިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ޒުވާނުން ޝައުޤުވެރިކުރުވައި އެމީހުންގެ ބައިވެރިވުން ލިބޭގޮތަށް ގަރާރުތަކާއި އެއްބަސްވުންތައް ހެދުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސިޔާސަތުތައް އެކުލަވާލުމުގައި ޒުވާނުންގެ ބައިވެރިވުން ހިމެނުމަށާއި އެމީހުންގެ ހުރި އުފެއްދުންތެރިކަން ދެއްކުމުގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ރާއްޖެއިން ކުރާ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދެވަނަ ކަމަކަށް އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަން ފާހަގަކުރައްވާފައެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަކީ ދުނިޔޭގެ 62 އިން ސައްތަ ޒުވާނުންނަށް އޭގެ އަސަރުކުރާ މައްސަލައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކާގުޅޭގޮތުން ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތައް ފާހަގަކުރައްވައި އެހެން ހުރިހާ ޤައުމުތަކުން ވެސް އެގޮތަށް އެޤައުމުތަކުގެ ޒިންމާ އަދާކުރެއްވުމަށް އެދިވަޑައިގެންފައެވެ.
ތިންވަނަ ކަމަކަށް އެމަނިކުފާނު ވަނީ ރަނގަޅު ނަތީޖާތަކެއް ނެރުމަށް މާލީ ވަސީލަތްތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ދެމެހެއްޓެނިވި ތަރައްގީއަށާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ބޭނުންވާ މާލީ ކަންކަމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި އަދި ހުރިހާ ފަރާތްތަކަށް ބޭނުންހިފޭފަދަ މާލީ ނިޒާމެއް ބޭއްވުމަށް ގޮވާލައްވާފައެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ މުސްތަޤުބަލުގެ ޖީލުތަކުން ބަލާނީ ކަމެއް ކުރުމަށް ހަމަޖެއްސި އިންތިޒާމުތަކަށްވުރެ ބައިނަލްއަޤްވާމީ މުޖުތަމައުން އެކަމަކާމެދު ނިންމި ހަރުދަނާ ނިންމުމަކަށް ކަމުގައެވެ. އެހެންކަމުން ގައްޒާއާ ދެކޮޅަށް ކުރަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމަ ހުއްޓާލުމަށާއި އެމީހުންގެ އިންސާނީ ކަރާމާތް ނަގާލަމުންދާ މީހުންނާ މެދު ފިޔަޅު އެޅުމަށާއި ފަލަސްތީނަށް އދ.ގެ ފުރިހަމަ މެންބަރުކަން ދިނުމަށް ގޮވާލެއްވިއެވެ.