ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އދ. ގެ ނިޒާމުގެ ތެރޭގައި ރާއްޖެއިން މިހާރަށްވުރެ ހަރަކާތްތެރި ދައުރެއް އަދާކުރުމަށް، ޚާއްސަގޮތެއްގައި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވަމުންދާ މައިގަނޑު މައްސަލަތަކާގުޅޭ ކަންކަމުގައި މަސައްކަތްކުރުމަށް ތައްޔާރަށް އޮތްކަން ފާހަގަކުރައްވާފައެވެ.

އަދި ދަރަނި ކުޑަކުރުމާއި މާލީ ޙާލަތު ރަނގަޅުކޮށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް ފިސްކަލް ރިފޯމް އެޖެންޑާއެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި، ގައުމަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުގެ މައްޗަށްވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

އަދި މިކަމުގައި ބައިލެޓަރަލް އަދި މަލްޓިލޭޓަރަލް ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ދިވެހިރާއްޖެއަށް ލިބުން މުހިންމުކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.މި ބައްދަލުކުރެއްވުމުގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް ވަނީ ބައިނަލްއަހުވާމީ މައްސަލަތަކުގައި، ހާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރޭވެ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް ތަޢުރީފު ކުރައްވާފައެވެ. މިކަންތައްތަކުގެ އިތުރުން ރާއްޖެއަށް ކުރިމަތިވާ އެހެން މުހިންމު ކަންކަމުގައިވެސް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ރައީސް ވަނީ ސެކްރެޓަރީ ޖެނެރަލްގެ ލީޑަރޝިޕްގެ ދަށުން، ދުނިޔޭގެ މަސްރަޙުގައި ބޮޑެތި މައްސަލަތަކަށް ބަހުސްކުރުމުގައި އެންމެހާ މެންބަރު ގައުމުތަކަށް ހަމަހަމަ ފުރުސަތު ދެއްވުމަށް ކުރައްވާ މަސައްކަތް ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ ނިއުޔޯކްގައި ހުންނަ އދ.ގެ މައިމަރުކަޒުގައި، އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގެ ހަވާސާގައެވެ.