ސައުދީ އަރަބިއްޔާގެ 94 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ނައިބު ރައީސް، އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފާއި އެމަނިކުފާނުގެ އަނބިކަނބަލުން، އާއިޝަތު އަފްރީން މުހައްމަދު ބައިވެރިވެވަޑައިގެންފިއެވެ.

އާދީއްތަ ދުވަހު ވިލާ ނޯޓިކާ، މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި، ނައިބުރައީސް ވަނީ ސައުދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދާއި، ވަލީއަހުދު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދާއި، ސައުދީ އަރަބިއްޔާގެ ސަރުކާރާއި ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން ތަހުނިޔާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވަނީ، އާންމު އިސްލާމީ އާދަކާދަތަކުގެ މައްޗަށް ބިނާވެފައިވާ ދެ ޤައުމުގެ ގާތް ގުޅުމަށް އަލިއަޅުއްވާލައްވާފައެވެ. އަދި މި ގުޅުން އިތުރަށް ބަދަހިވެފައިވަނީ މައިގަނޑު ގޮތެއްގައި ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒު އިސްކޮށް ހުންނަވައިގެން ދޭދޭ ގުޅުން ބަދަހިކުރުމަށް މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން ކަން، ނައިބު ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

ނައިބު ރައީސް ވަނީ ނިމިދިޔަ ޙައްޖު މޫސުމުގައިވެސް ދިވެހި ހައްޖާޖީންނަށް ސައުދީއިން ބެހެއްޓި އޯގާތެރިކަމާއި އަދާކުރި މެހުމާންދާރީ ފާހަގަކުރައްވާފައެވެ. އަދި ސައުދީ ފަންޑް ފޮރ ޑިވަލޮޕްމަންޓް މެދުވެރިކޮށް، ރާއްޖެއަށް ލިބެމުންދާ އެހީއަށްވެސް ނައިބު ރައީސް ވަނީ އެ ގައުމަށް ޝުކުރު އަދާކުރައްވާފައެވެ.

އިސްލާމީ އެއްބައިވަންތަކަން ކުރިއެރުވުމަށާއި، ދޭދޭ ގުޅުންތައް ބަދަހިކުރުމަށް ސަފީރު މަތުރިކް އަބްދުﷲ އަލްއަޖަލައިން އަލްދޮސާރީ އާއި އެމްބަސީގެ ޓީމުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް، ނައިބު ރައީސް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

ސައުދީ އަރަބިއްޔާގެ މުއްސަނދި ތާރީހާއި ތަރިކަ، އަދި އެ ގައުމުގެ ކާމިޔާބީތައް ދައްކުވައިދޭ ވީޑިއޯ ޑޮކިއުމަންޓްރީއެއް ބައްލަވާލެއްވުމުގެ ފުރުސަތުވެސް ރަސްމިއްޔާތުގެ ބައިވެރިންނަށް ލިބިވަޑައިގެންފައިވެއެވެ.