އިނގިރޭސި ޕްރިމިއާ ލީގުގައި ރޭގައި އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗު 2-2 އިން އެއްވަރުކޮށް، މެންޗެސްޓާ ސިޓީއިން ލީގުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންގޮސްފައިވަނީ ވަރުގަދަ ކުޅުމެކެވެ. މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ ސިޓީއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މި ސީޒަނުގައި ތަފާތު ކުޅުމެއް ދައްކަމުން އަންނަ އާލިންގް ހާލަންޑެވެ. މި ލަނޑަކީ އެންމެ 5 ޕްރިމިއާ ލީގު މެޗުގައި ހާލަންޑް ކާމިޔާބު ކުރި 10 ވަނަ ލަނޑެވެ.
މެޗުގެ 22 ވަނަ މިނެޓުގައި އާސެނަލްއިން ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަަށް ކާމިޔާބު ކޮށްދިނީ މި ދިޔަ ޓްރާންސްފާ ވިންޑޯގައި އިޓަލީގެ ކްލަބެއް ކަމުގައިވާ ބޮލޮންޔާއިން އާސެނަލްއަށް ސޮއިކުރި ޒުވާން ޑިފެންޑަރު ރިކާޑޯ ކަލިފިއޯރީއެވެ. މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އާސެނަލްގެ ޑިފެންޑަރު ގެބްރިއެލް ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ އާސެނަލްގެ ކޮޅަށް އަނބުރާލާފައެވެ.
ވަރުގަދަ ސިޓީ އަތުން މޮޅުވަމުންއައި އާސެނަލްއާ ދެކޮޅަށް މެޗުގެ އޮއިވަރު އެނބުރުނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ އަށްވަނަ މިނެޓުގައި އެ ޓީމުގެ ލިއަންޑްރޯ ޓްރޮސާޑްއަށް ރަތް ކާޑު ދެއްކުމުންނެވެ. ޓްރޮސާޑްއަށް ދެއްކި ރަތް ކާޑާއެކު އާސެނަލްއަށް ވަނީ މެޗުގެ ދެވަނަ ހާފު އެންމެ ދިހަ ކުޅުންތެރިންނާއެކު ކުޅެން މަޖުބޫރުވެފައެވެ.
ދެވަނަ ހާފުގައި ސިޓީއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ހަމަލާއަކަށް ފަހު ހަމަލާއެއް އާސެނަލްގެ ގޯލާ އަމާޒުކޮށް ފޮނުވާލާފައެވެ. ސިޓީއަށް އާސެނަލްގެ ވަރުގަދަ ޑިފެންސް ލައިން ފޫ އަޅުވާލައި މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގެ އަށްވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔެއް ގޮތުގައި އެރި ޖޯން ސްޓޯންސްއެވެ. ސްޓޯންސް ފަހު ވަގުތު ޖެހި ލަނޑާއެކު މެޗު ނިމިގެންދިޔައީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
މި މެޗުގެ ނަތީޖާއާއެކު ސިޓީ ވަނީ ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ. ސިޓީ، އެއްވަނައިގައި އޮތީ ކުޅުނު 5 މެޗުން ލިބުނު 13 ޕޮއިންޓާއެކުގައެވެ. ދެވނައިގައި 12 ޕޮއިންޓާއެކު ލިވަޕޫލު އޮތްއިރު ތިންވަނައިގައި އޮތް އެސްޓަން ވިލާއަށް ވެސް ލިބިފައިވަނީ 12 ޕޮއިންޓެވެ. ކުޅުނު 5 މެޗުން ލިބުނު 11 ޕޮއިންޓާއެކު އާސެނަލް އޮތީ ލީގުގެ ހަތަރުވަނައިގައެވެ.