އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު ރާއްޖެ ވަޑައިގެންފިއެވެ.

އެމަނިކުފާނަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލާއި ފޮރިން ސެކްރެޓަރީ ޢަބްދުލްޣަފޫރު މުހައްމަދާއި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ ހުސައިން ނިޔާޒެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ އަރިހަށް ޑރ. ޖައިޝަންކަރު އިޚްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒާއި މިނިސްޓްރ އޮފް ޑިފެންސް އާ ބައްދަލްކުރައްވާނެ ކަމަށާއި، މީގެ އިތުރުން މިނިސްޓަރ އޮފް ފިނޭންސް އާއި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، އާއި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއިއެކު ޖޮއިންޓް މީޓިންގއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް މައުލޫމާތުދީފައިވެއެވެ.

މި ދަތުރުފުޅުގައި އިންޑިއާ އާއި ދިވެހި ރާއްޖެއާ ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި މީގެ އިތުރުން އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ހިންގުނު މަޝްރޫއުތަކެއް އިފްތިތާހް ކުރެއްވުމަށް ވެސް ހަމަޖެހިފައިވާކަމަށް މައުލޫމާތުދިފައިވެއެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވަނީ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށެވެ.