މިދިޔަ އާދީއްތަ ދުވަހު އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު، ރޮޑްރީގެ ކަނާތު ކަކުލުގެ އޭސީއެލްއަށް ކުރިމަތިވި ހާނީއްކައެއްގެ ސަބަބުން އޭނާއަށް ދެން މި ސީޒަނުގައި ނުކުޅެވޭނެ ކަމަށް ރިޕޯޓުތަކުން ހާމަކޮށްފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ރޮޑްރީގެ ކަނާތު ކަކުލަށް ދިމާވި އިންޖަރީގެ ސަބަބުން އިތުރަށް ނުކުޅެވުމުން އޭނާ ވަނީ ދަނޑުން ބާލުވަން ޖެހިފައެވެ.
އިންޖަރީގެ ކުޑަބޮޑުމިން ހޯދުމަށް ޓަކައި މި ދިޔަ ހޯމަ ދުވަހު ސިޓީގެ މެޑިކަލް ޓީމުން ހެދި ޓެސްޓުތަކުން ހާމަކުރި ގޮތުގައި ރޮޑްރީގެ ކަނާތު ފައިގެ ކަކުލުގެ އޭސީއެލް ވަނީ އިރައިގެން ގޮސްފައެވެ. އޭސީއެލްއަށް ކުރިމަތިވާ އިންޖަރީތަކަކީ އެއްކޮށް ރަނގަޅުވާން އެތައް ދުވަހެއް ނަގާ އިންޖަރީތަކަކަށް ވާތީ މި ސީޒަނުގެ ބާކީ އޮތް އެއް ވެސް މެޗެއްގައި ރޮޑްރީއަށް ބައިވެރި ނުވެވޭނެ ކަމަށް ރިޕޯޓުތަކުން ވަނީ ހާމަކޮށްފައެވެ.
ރޮޑްރީގެ އިންޖަރީއަކީ، ޖެހިޖެހިގެން ފަސް ޕްރިމިއާ ލީގު ހޯދުމަށް މަސައްކަތް ކުރަމުންދާ ސިޓީއަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެކެވެ. މި ދިޔަ ސީޒަނުގައި އާދަޔާހިލާފު މޮޅު ކުޅުމެއް ދައްކާ، މަޝްހޫރު ބެލެންޑޯ އެވޯޑު ހާސިލުކުރަން ފެވެރިޓަކަށް ވެފައިވާ ރޮޑްރީއަކީ ސިޓީގެ ކާމިޔާބީތަކުގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރާ އެއް ކުޅުންތެރިޔާއެވެ.