ދެ އަހަރު ތެރޭގައި މީހުން ނުލައި 5 ސްޓާޝިޕް މާރސްއަށް ފޮނުވުމަށް ރާވާފައިވާކަމަށް ސްޕޭސްއެކްސްގެ ސީއީއޯ އީލޮން މަސްކް ވިދާޅުވެއްޖެއެވެ.

މަސްކް މި އިއުލާނު ކުރެއްވީ އޭނާގެ އެކްސް މީޑިއާ ޕްލެޓްފޯމްގައެވެ.

މި މިޝަންތައް ފޮނުވާނީ ދުނިޔެއާއި މާރސްއާ ދެމެދު ދަތުރުކުރެވޭ ދެން އަންނަ ފުރުސަތު ހުޅުވޭ ހިނދުގައި ކަމަށް މަސްކް އިތުރަށް ވިދާޅުވިއެވެ.

މަސްކް ވިދާޅުވީ، މީހުން ނުލައި ކުރާ މި މިޝަންތަކުގެ ކާމިޔާބީއަށް ބަލައި، މުސްތަގުބަލުގައި މީހުން ފޮނުވާނެ މިޝަންތަކުގެ ޓައިމްލައިން ކަނޑައެޅިގެންދާނެ ކަމަށެވެ. އިބްތިދާއީ މިޝަންތައް ރޭވިފައިވާ ގޮތަށް ކުރިއަށްދާނަމަ، 4 އަހަރު ތެރޭގައި މީހުން މާރސްއަށް ފޮނުވުމަށް ސްޕޭސްއެކްސްއިން އަމާޒު ހިފައެވެ. ނަމަވެސް، އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، މީހުން ފޮނުވުން އިތުރު ދެ އަހަރަށް ލަސްވެދާނެއެވެ.

މި އިއުލާނު އައީ ސްޕޭސްއެކްސްއިން ސްޓާޝިޕާއެކު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިންނެވެ. މީގެ ތެރޭގައި މިދިޔަ އަހަރު ކާމިޔާބު ޓެސްޓް ފްލައިޓެއް ކުރިއަށް ގެންދިއުން ހިމެނެއެވެ. މި ޓެސްޓްގައި ރޮކެޓެއް ހަލުވި ސްޕީޑެއްގައި ބޭރު ޖައްވުން އެނބުރި އައިސް އިންޑިއާ ކަނޑުގައި ލޭންޑްކުރިއެވެ.

ސްޓާޝިޕާ ގުޅޭގޮތުން މަސްކްގެ ވިޝަނަކީ ހަނދަށާއި މާރސްއަށް މީހުންނާއި މުދާ އުފުލޭނެ އުޅަނދެއް ތައްޔާރުކުރުމެވެ. ނަމަވެސް، ސްޕޭސްއެކްސްއަށް ބައެއް ހުރަސްތަކާ ކުރިމަތިވެފައިވެއެވެ. މީގެ ތެރޭގައި ނާސާއިން މީހުން ފޮނުވާ އާޓެމިސް 3 މިޝަން 2026 އަށް ފަސްކުރުމާއި، ޖަޕާނުގެ ބިލިއަނަރެއް ކަމަށްވާ ޔުސަކު މައެޒާވާ އަމިއްލަ ހަނދު މިޝަނެއް ކުރުމަށް ހަމަޖެހިފައިވާ ތާރީޚުތަކާ މެދު ޔަޤީންކަން ނެތުމުގެ ސަބަބުން އެ މިޝަން ކެންސަލްކުރުން ހިމެނެއެވެ.