ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޑިފެންޑަރު ފާލަންޑް މެންޑީ އެ ޓީމާއެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކޮށްފިއެވެ.

މީޑިއާއަށް ދިން ބަސްދީގަތުމެއްގައި ރެއާލުގެ ކޯޗު، ކާލޯ އެންޗެލޯޓީ ވަނީ މެންޑީ އާ ކޮންޓްރެކްޓެއްގައި ސޮއިކުރިކަން ޔަގީން ކޮށްދީފައެވެ.

"މެންޑީ އަހަރެމެންނާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފި. އަހަރެމެން ވަރަށް ހިތްހަމަޖެހޭ މެންޑީގެ ކުޅުމާ މެދު. ޑިފެންޑަރެއްގެ ގޮތުގައި މެންޑީއަކީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ކުޅުންތެރިޔެއް" މެންޑީ އާ ކޮންޓްރެކްޓެއްގައި ސޮއި ކުރިކަން ޔަގީން ކޮށްދެމުން އެންޗެލޯޓީ ބުންޏެވެ.

ފްރާންސްއަށް ނިސްބަތްވާ 29 އަހަރުގެ މެންޑީ، ރެއާލް މެޑްރިޑާ ގުޅުނީ 2019 ވަނަ އަހަރުގެ ޖޫން މަހުއެވެ. މެންޑީގެ ސޮއި ހޯދުމަށް ޓަކައި ރެއާލުން ވަނީ އޭނާ ކުރިން ކުޅުނު ކްލަބު ކަމުގައިވާ ލިޔޯންއަށް 60 މިލިއަން ޑޮލަރާ ގާތް ކުރާ އަދަދެއް ދައްކާފައެވެ. 2019 ވަނަ އަހަރު ރެއާލްއަށް ސޮއިކުރި ފަހުން މެންޑީ ވަނީ އެ ކްލަބަށް 200 އަށްވުރެ ގިން މެޗު ކުޅެދީ، 11 ތަށި ކާމިޔާބު ކޮށްފައެވެ.