ފަލަސްތީނުގެ ކަންކަމަށް ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރައީސް މި ޔަގީންކަންދެއްވީ އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ފަލަސްތީނުގެ ރައީސް ޑޮކްޓަރ މަހުމޫދު އައްބާސްއާ ބައްދަލުކުރެއްވުމަށްފަހު މީޑިޔާއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްތީނު ރައްޔިތުންނާއެކު ކަމަށާއި އެންމެހާ ދިވެހި ރައްޔިތުން ފަލަސްތީނު ރައްޔިތުންނާއި ފަލަސްތީނުގެ މައްސަލައަށް ތާއީދުކުރާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އުދުވާނާބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދިވެހިން އަބަދުވެސް ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވެވެންއޮތް ގޮތަކުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގައެވެ. އެގޮތުން މީގެ ކުރިންވެސް، މިހާރުވެސް އަދި ކުރިޔަށްއޮތްތަނުގައިވެސް ފަލަސްތީނު ރައްޔިތުންގެ މައްސަލައިގައި ދިވެހިރާއްޖެއިން ތާއީދު އޮންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ފަލަސްތީނާއި އެޤައުމުގެ ރައްޔިތުންނަށް ދިވެހިރާއްޖެއިން އަބަދުވެސް ފުރިހަމައަށް ތާއީދުކުރެއެވެ. ފަލަސްތީނަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދިނުމަކީ، ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ދެމެހެއްޓެނިވި އަސާސަކަށްވެފައި، ބައިނަލްއަގުވާމީ މައިދާނުގައި އިންސާފާއި އިންސާނީ ހައްގުތަކަށް ރާއްޖެއިން ބަހައްޓާ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެކެވެ. މިއަހަރު ކުރީކޮޅު ދިވެހިރާއްޖެއިން ކޯ-ސްޕޮންސަރކުރި ގަރާރަކުން، ފަލަސްޠީނު ދައުލަތަކީ އދ.ގެ ފުރިހަމަ މެމްބަރު ގައުމެއްގެ ގޮތުގައި ބަލައިގަތުމަށް ތާއީދުކުރުމަށް ވަނީ ހުށައަޅާފައެވެ. މި ގަރާރު ވަނީ އދ.ގެ އާންމު މަޖިލީހުން ބަލައިގަތުމަށް ނިންމާފައެވެ.

އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) ގެ އެޑްވައިޒަރީ އޮޕީނިއަނަށް އިޒްރޭލުގެ ސިޔާސަތުތަކުގެ ގާނޫނީ ނަތީޖާތަކާބެހޭ ގޮތުން ލިޔުމުން ބަޔާން ދީ، މި މައްސަލާގައި އަނގަބަހުން ހުށަހެޅި ކަންކަމަށް ދިވެހި ސަރުކާރުން މީގެ ކުރިން ވަނީ ތާއީދުކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގައި 12 ޖޫން 2024 ގައި ފަލަސްތީނަށް އެހީވުމަށް ބޭއްވި ޓެލެތޯނުން ހޯދި 1.2 މިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު މިހާރު ވަނީ ޔޫ.އެން.އާރ.ޑަބްލިއު.އޭ. އާއި ހަވާލުކޮށްފައެވެ.