އެއަރ އޭޝިއާ އާއި ހޮންގްކޮންގްގެ ސީއެލްއެސް ހޮލިޑޭއިން ގުޅިގެން "ނޯ ކްލޫ އެސްކޭޕް" ގެ ނަމުގައި ކުރިއަށް ގެންދިޔަ ޓުއާގެ ފުރަތަމަ ދަތުރުގެ މަންޒިލަކަށް ރާއްޖެ ހަމަޖެހިއްޖެއެވެ.

"ނޯ ކްލޫ އެސްކޭޕް" ޓުއާ އަކީ ބްލައިންޑް ބޮކްސް ސްޓައިލްއަށް އޭޝިއާގައި ކުރިއަށް ގެންދިޔަ ފުރަތަމަ ޓުއާއެވެ. މި ޓުއާއަކީ ދަތުރުގައި ބައިވެރިވާ ފަރާތްތަކަށް ދަތުރުގެ މަންޒިލް ނޭންގޭ ގޮތަށް ކުރިއަށް ގެންދާ ޓުއާއެކެވެ.

20 ބައިވެރިންނާއެކު އެއަރ އޭޝިއާގެ "ނޯ ކްލޫ އެސްކޭޕް" ޓުއާގެ ފުރަތަމަ ދަތުރު ފެށީ މި ދިޔަ ހުކުރު ދުވަހުއެވެ. ހޮންގޮންކް އިންޓަނޭޝަނަލް އެއަރޕޯޓުން ނައްޓާލި ދަތުރުވެރިންނަށް ދަތުރުގެ މަންޒިލަކީ ދިވެހިރާއްޖެކަން ހާމަވެގެންދިޔައީ ބޯޓު 30،000 ފޫޓު މަތިން ދަތުރު ކުރަމުން ދަނިކޮށެވެ.

މި ޓުއާގެ ބައިވެރިން ރާއްޖޭގައި ހޭދަކުރާ ފަސް ދުވަހު މަޑު ކުރާނީ ބަނޑޮސް މޯލްޑިވްސް ރިސޯޓުގައެވެ. މި ފަސް ދުވަސް ތެރޭގައި ބަނޑޮސް މޯލްޑިވްސްގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތުގެ އިތުރުން މާލޭގެ ޓުއާއެއް ދަތުރުވެރިންނަށް ލިބިގެންދާނެއެވެ.

މި ޓުއާގައި އާއްމު ރައްޔިތުންގެ އިތުރުން ހޮންގްކޮންގްގެ ބައެއް މަޝްހޫރު ސޯޝަލް މީޑިއާ އިންފްލުއެންސަރުން ވެސް ވަނީ ބައިވެރިވެފައެެވެ. އޭގެ އިތުރުން ހޮންކޮންގްގެ މަޝްހޫރު ލަވަކިޔުންތެރިޔެއް ކަމުގައިވާ އެންޑީ ޗޯ ވެސް ވަނީ މި ތަފާތު ޓުއާގައި ބައިވެރިވެފައެވެ.

"ނޯ ކްލޫ އެސްކޭޕް" ޓުއާ އަކީ ސީއެލްއެސް ހޮލިޑޭ އާއި އެއަރ އޭޝިއާއާ ދެމެދު އޮތް ވަރުގަދަ ގުޅުން ރަމްޒު ކޮށްދިނުމަށް ބާއްވާ ޓުއާއެކެވެ. އެންމެ 634 ޑޮލަރުގެ ފީ އަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލި މި ޓުއާ ވެގެންގޮސްފައިވަނީ ހޮންކޮންގެ ދަތުރުވެރިންގެ ތެރޭގައި މަގްބޫލު ޓުއާއަކަށެވެ.