ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާގެ 16 ވަނަ ބޮޑުވަޒީރަކަށް އައްޔަންކުރެއްވި ޑޮކްޓަރ ހަރީނީ އަމަރަސޫރިޔާއަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

މީސްމީޑިއާ މެދުވެރިކުރައްވައި ރައީސް ކުރެއްވި ތަހުނިޔާގެ ޕޯސްޓުގައި، ރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮތް ދެމެހެއްޓެނިވި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

އަދި ބޮޑުވަޒީރު ޑޮކްޓަރ ހަރީނީ އަމަރަސޫރިޔާގެ ޒައާމަތުގައި ސްރީލަންކާއަށް އިތުރު ކުރިއެރުންތަކަށް އަލިވިލޭނެކަމަށް އުންމީދުކުރައްވާކަން ހާމަކުރެއްވިއެވެ.

ސްރީލަންކާގެ އާ ބޮޑުވަޒީރުކަމުގެ ހުވާ، ޑޮކްޓަރ އަމަރަސޫރިޔާ އަންގާރަ ދުވަހު ކުރެއްވުމާއެކު އެ ކަމަނާ ވެގެން ގޮސްފައިވަނީ 2000 ވަނަ އަހަރާއި ހަމައަށް ބޮޑުވަޒީރުކަމުގެ މަގާމު ފުރުއްވި ސިރިމާވޯ ބަންޑާރަނައިކައަށްފަހު އެ މަގާމު ފުރުއްވާ ފުރަތަމަ އަންހެން ބޭފުޅާއަށެވެ.