އދ. އިން ފަރުދީ ދިރިއުޅުމަށް ހަގީގީ ނުފޫޒު ފޯރުވަންޖެހޭނެ ކަމަށާއި، އެ ޖަމްއިއްޔާއިން ނިންމާ ނިންމުންތައް ދުނިޔޭގެ ފެންވަރުގައްޔާއި ދާހިލީ ފެންވަރުގައި ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

އެ މަނިކުފާނު މިކަމަށް ގޮވާލެއްވީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ އާންމު ބަހުސްގައި ތަގުރީރު ކުރައްވަމުންނެވެ.

ރައީސް ވާހަކަފުޅުގައި، މުހިންމު މައްސަލަތައް ހައްލުކުރުމުގައި ބައިނަލްއަގުވާމީ އެއްބައިވަންތަކަމަށް ގޮވާލެއްވިއެވެ. ދުނިޔެއަށް މިއަދު ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަކީ، ހުދު އަޅުގަނޑުމެންގެ އަމަލުތަކުން އުފެދިފައިވާ މައްސަލަތައްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ، އަޅުގަނޑުމެންނަށް ބޭނުން ވަނީ އެއްބައިވަންތަ އެކުވެރި ދައުލަތްތަކެއްކަމަށާއި، ބައިބައިވެ މާޔޫސްވެފައިވާ އދ. އެއް ނޫންކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖެ ފަދަ ކުދި ޤައުމުތަކަށް އެހީތެރިވެދޭ މަލްޓިލެޓަރަލް ނިޒާމެއް ބޭނުންވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ބޭނުންވަނީ އަޅުގަނޑުމެންގެ ނަމުގައި ވަކާލާތުކޮށްދީ، އަޅުގަނޑުމެންނަށް ނަތީޖާ ފޯރުކޮށްދޭ ނިޒާމެއް" .
އެމަނިކުފާނު ވިދާޅުވިއެވެ

އަދި އެމަނިކުފާނު ވަނީ، މޫސުމަށް އަންނަ ބަދަލުތަކާއި ހަމަނުޖެހުންތައް ހައްލުކުރުމާއި ބޭއިންސާފު ނައްތާލުން ފަދަ މުހިންމު މައްސަލަތައް ޙައްލުކުރުމުގައި އެކަށީގެންވާ ގޮތެއްގައި އދ. އިން މަސައްކަތް ނުކުރާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"މަލްޓިލެޓަރަލް ނިޒާމު ނާކާމިޔާބުވަމުންދާއިރު ދިވެހިރާއްޖެއަށް މަޑުން ތިބެވޭކަށް ނެތް، އަދި ނުތިބޭނަންވެސްމެ. އަޅުގަނޑުމެންގެ ދިރިތިބުން ބިނާވެގެންވަނީ ދުނިޔޭގެ ދުޅަހެޔޮކަމުގެ މައްޗަށް." .
ރައީސް ވިދާޅުވިއެވެ

ޔޫއެންޖީއޭ 79 ވަނަ ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އދ. ހަރުދަނާކުރުމަށް ފުޅާދާއިރާއެއްގައި އިސްލާހުތަކެއް ގެނައުމަށް ގޮވާލައްވާފައެވެ. އެ ޖަމްއިއްޔާގެ މުހިންމުކަން ދެމެހެއްޓޭނީ، ހަގީގީ، އެދެވޭ ބަދަލުތަކެއް ގެނައުމުގެ ގާބިލުކަން އދ. ގެ ކިބައިގައި ހުރެގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ އދ. އަކީ ސުލްހައާއި، ރައްކާތެރިކަމާއި، ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރާ ވަރުގަދަ ބާރަކަށް ހެދުމަށްޓަކައި، ލީޑަރުންގެ ކިބައިން، ސީދާ ހަރަކާތަށް ގޮވާލައްވާފައެވެ.