ގާނޫނުގެ ވެރިކަން ނެގެހެއްޓުމުގެ މުހިއްމުކަން ފާހަގަކުރައްވައި، އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވައިލެއްވީ އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރޭ ތަގުރީރުކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަގުރީރުގައި، ޤައުމަކުން އިންސާނީ ހައްގުތަކަށް އަރައިގަންނަ ކަމުގައިވަނީނަމަ އެކަން ތަހައްމަލުކޮށްގެން ތިބެގެން ނުވާނެކަމަށް ވިދާޅުވިއެވެ. އަދި އެފަދަ ހާލަތެއްގައި، އެ ގައުމެއްގެ ކުޑަބޮޑުމިނަކީ ނުވަތަ އެ ގައުމެއްގެ މުއްސަނދިކަމަކީ ބަހަނާއަކަށް ވެގެން ނުވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ފަލަސްތީނުގެ ގައްޒާގެ ޙާލަތުން ދައްކުވައިދެނީ އިންތިހާއީ ނާއިންސާފާއި، ބައިނަލްއަގުވާމީ ނިޒާމުގެ ނާކާމިޔާބީ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިސްރާއީލުގެ އަމަލުތައް ކުށްވެރިކުރައްވަމުން ރައީސްވަނީ އެ ޖަރީމާތަކުގެ ސަބަބުން، އަންހެނުންނާއި ކުޑަކުދިންނާއި ތުއްތު ކުދިން ހިމެނޭހެން، ފަލަސްތީނުގެ އެތައް ހާސް ރައްޔިތުންނެއް މަރުވެ، ޒަހަމްވަމުންދާކަން ހަނދުމަފުޅުކޮށް އަރުވާފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ ގެދޮރާއި، ހަސްފަތާލުތަކާއި، ސްކޫލްތަކާއި އަދި އިންސާނީ އެހީތެރިކަމަށް ބޭނުންކުރާ ވަސީލަތްތަކަށް އަމާޒުކޮށްގެން އިސްރާއީލުން ދޭ ހަމަލާތަކަށް އެމަނިކުފާނު ވަނީ ފާޑުވިދާޅުވެފައެވެ. ގައްޒާގައި އާންމުން މަރުވަމުންދާ މިންވަރު ދުނިޔެއަށް ބަލައިނުގަނެވިގެން އުޅެނިކޮށް، މިހާރު އިސްރާއީލުން ލުބްނާނަށް ހަމަލާދީ، އެ ޙަމަލާތަކުގައި އެތައް ސަތޭކަ އާންމުންނެއް މަރުވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އާންމު މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ފަލަސްތީނާއި ލުބްނާން އަދި އަލްޖަޒީރާގެ ނޫސްވެރިންނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކާއި އަލްޖަޒީރާގެ އޮފީސްތައް ބަންދުކުރި ކުރުމަކީ، ގައްޒާގައި ހިންގަމުންދާ ޖަރީމާތައް ދުނިޔެއަށް ވަންހަނާކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އދ.ގެ ގަރާރުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވެ، އިސްރާއީލުން ހިންގާ ޓެރަރިޒަމްގެ އަމަލުތަކަށް އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ. އަދި، 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ ސަރަޙައްދީ ރޮނގުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން، މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަންނަން ޖެހޭކަމަށް އެ މަނިކުފާނު ކުރައްވާ އިލްތިމާސް، އާންމު މަޖިލީހުގައި ދެއްވި މި ތަގުރީރުގައިވެސް ތަކުރާރުކުރެއްވިއެވެ.