ރާއްޖޭގެ އިދިކޮޅު ފަރާތްތައް ކަމަށްވާ ޕީޕީއެމް، ޕީއެންސީގެ ބޭފުޅުންނާ ބައްދަލުވާނެ ކަމަށް އުއްމީދު ކުރައްވާކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބުރަމަންޔަން ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގަ އެވެ. އެހެންނަމަވެސް އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރައްވަން ބޭނުންފުޅު ވަނީ ކޮންކަމަކާ ގުޅިގެން ކަމެއް ޖައިޝަންކަރު ވިދާޅެއް ނުވެ އެވެ.

ޖައިޝަންކަރު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގައި މިހޭދަވި ދުވަސްތަކުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމަށެވެ. އަދި އިންޑިއާއަކީ އަބަދުވެސް ރާއްޖެއަށް ހެޔޮއެދޭނެ އަވައްޓެރިއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި މި ދަތުރުފުޅުގެ އެއް މަޤްސަދަކީ ދެ ޤައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމެވެ. އެގޮތުން ދެ ގައުމުގެ ދެމެދުގައި އިތުބާރު ހުރި ގުޅުމެއް ގާއިމް ކުރެވިފައިވާ ކަމަށް ފާހަގަކުރެއްވި އެވެ.

އިދިކޮޅު ފަރާތްތަކާ ބައްދަލުކުރައްވަން ބޭނުންފުޅު ކަމަށް ޖައިޝަންކަރު ވިދާޅުވެފައިވާއިރު، ރާއްޖޭގައި ވަކި މުއްދަތެއް ނެތް ގޮތަށް އިންޑިއާގެ އަސްކަރިއްޔާގެ ސިފައިން ގާއިމްވެ ތިބޭތީ އިދިކޮޅު ޕީޕީއެމް، ޕީއެންސީން ވަނީ އެކަމާ ކަންބޮޑުވުންފާޅުކޮށްފަ އެވެ.