މީގެ 25 އަހަރު ފަހުން ޗައިނާއަކީ ދުނިޔޭގެ އެންމެ ބޮޑު އަސްކަރީ ބާރަކަށް ހެދުމަކީ ރައީސް ޝީ ޖިންޕިންގެ އަމާޒެކެވެ. ޗައިނާއިން ވައިގެ ސިފައިން ޒަމާނީ ކުރުމަށް ގިނަ އަދަދެއްގެ ފައިސާ ސަރުކާރުން ހޭދަކުރަމުން ދެއެވެ. އަދި މިސައިލްތައް ތަރައްޤީ ކުރުމާއެކު ކަނޑުގެ ސިފައިން ގެ ބާރުވެސް ދަނީ ވަރުގަދަ ކުރަމުންނެވެ.

އެމެރިކާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ކަރޓް ކެމްޕެލް ވިދާޅުވަނީ، ޗައިނާއިން އެމެރިކާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ ފިނި ހަނގުރާމައިގެ ގޮންޖެހުންތަކަށްވުރެ އެތައް ގުނައަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. "ތެދުތެދަށް ބުނާނަމަ ޗައިނާއިން ކުރިމަތިވާ ގޮންޖެހުންތަކާ އަޅާބަލާއިރު ފިނި ހަނގުރާމައިގެ ގޮންޖެހުންތައް ފަނޑުވެގެން ދާނެ. އެއީ ހަމައެކަނި އަސްކަރީ ގޮންޖެހުންތަކެއް ނޫން. އެއީ އެތައް ދިމާއަކުން ދިމާވާން ހުރި ގޮންޖެހުންތަކެއް" އޭނާ ވިދާޅުވަނީ އެ ގޮންޖެހުންތައް ޗައިނާ އިން ކުރިމަތި ކުރަނީ ދުނިޔޭގެ ދެކުނު ބިތުގެ ޤައުމުތަކަށް ޗައިނާއިން ނުފޫޒު ފޯރުވުމުންނެވެ.

އެކަމަކު2023 ވަނަ އަހަރުގެ ފަހުކޮޅު އިން ފެށިގެން 2024 ވަނަ އަހަރުގެ ކުރީކޮޅާ ހަމައަށް ޗައިނާގެ ސިފައިންގެ ތެރޭގައި ބައެއް ގޮންޖެހުންތަކާ ކުރިމަތި ވެފައިވުމުން ޗައިނާ ސިފައިންގެ ބާރާ މެދު ސުއާލު އުފެދެއެވެ. އެ މައްސަލަތަކުން އެނގުނީ، ހަގީގީ ހަނގުރާމައެއް ހިނގައިފިނަމަ ޗައިނާއަށް މާޔޫސްވާން ޖެހޭނެ ފަދަ ޕާސަނަލް، ލޮޖިސްޓިކްސް، ކޮމާންޑް އަދި އިކުއިޕްމަންޓްގެ މައްސަލަތައް ކުރިމަތި ވެދާނެ ކަމެވެ.

ޗައިނާއިން ވަނީ 700 ބިލިއަން ޑޮލަރުގެ ދިފާޢީ ބަޖެޓެއް އިއުލާން ކޮށްފައެވެ. ނަމަވެސް ޗައިނާ ސިފައިންނަށް ދިމާވެފައިޥާ ބޮޑު މައްސަލައަކީ، ސިފައިންގެ ތެރެއަށް މީހުން ވެއްދުމުގެ މައްސަލައާއި ސިފައިންގެ ތެރޭގައި މީހުން ހަރުލެއްވުމުގެ މައްސަލައެވެ. އަދި ޗައިނާ ސިފައިން ގާވާއިދާ ޚިލާފްވެގެން ފިޔަވަޅު އެޅުންވެސް އާންމު ކަމެއް ކަމަށް ވެފައި ވެއެވެ.

ޗައިނާގެ ކަނޑުގެ ސިފައިން ވަރުގަދަ ކުރުމަށް މަސައްކަތްތަކެއް ކުރެވެއެވެ. އެމަސައްކަތުގައި އެންމެ ބޮޑަށް ދިމާވާ ގޮންޖެހުން ކަމަށް ފެންނަނީ ކަނޑުގެ ސިފައިންގެ ތެރޭގައި އަސްކަރީ މަތިންދާބޯޓު ދުއްވާނެ މީހުންގެ އަދަދު މަދުކަމެވެ. ޗައިނާ ސިފައިންގެ ތެރޭގައި ނޭވަލް އޭވިއޭޓަރުންނަކީ މަދު ބަޔެކެވެ. މިއީ އެމެރިކާއާ އަޅާބަލާއިރު ހަނގުރާމައިގެ ހާލަތެއްގައި ޗައިނާގެ ވައިގެ ދިފާޢު ބަލިކަށި ވެދާނެ ފަދަ ކަމެކެވެ. އަސްކަރީ މުޙައްލިލުން ބުނާ ގޮތުގައި މައްސަލައަކީ ޗައިނާގެ ނޭވީއަށް އޭވިއޭޓަރުން ތަމްރީނުކުރާ ޖަމިއްޔާއެއް ނެތުމެވެ.

ކަނޑުގެ ސިފައިންގެ ޢަދަދުތަކަށް ބަލާއިރު އެމެރިކާގެ 22 ކްރޫޒާރ އާއި 70 ޑިސްޓްރޯޔަރު އޮންނަ އިރު ޗައިނާގެ ކުރޫޒާއި ޑެސްޓްރޯޔަރުގެ އަދަދަކީ ޖުމުލަ 49 އެވެ. އަދި ކަނޑުގެ ސިފައިންގެ އުޅަނދުތަކުގެ ޖުމުލަ ޓަނޭޖުން ބަލާއިރު އެމެރިކާ އުޅެނީ ކުރީގައެވެ. ޗައިނާގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކުގެ ޖުމުލަ ޓަނޭޖަކީ 1.3 މިލިއަން ޓަނެވެ. އެމެރިކާ ނޭވީގައި 4.5 މިލިއަން ޓަނޭޖު ހުރިކަމަށް ވެއެވެ. ސެބްމެރިން ޓެކްނޮލޮޖީއަށް ބަލާއިރު ޗައނާއަށް ވުރެން އެމެރިކާގެ ސަބްމެރިން ޓެކްނޮލޮޖީ ކުރިއަރާފައި އޮތުމުގެ އިތުރުން އަދަދުގެ ގޮތުންވެސް މާގިނައެވެ.

ކެމްޕެލް ވަނީ އެމެރިކާގެ ކަނޑުގެ ސިފައިންގެ މަނަވަރުތައް ބަނުމާއި ދިފާޢީ އުފެއްދުންތަކުގެ ސިނާއަތު ކުރިއެރުވުމަށް ޓަކައި ޗައިނާއަށް ފާރަލާން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އެމެރިކާއިން ކަނޑުގެ ސިފައިންގެ މަނަވަރުތައް ފަރުމާކޮށް ބަންނަމުންދާ ސްޕީޑް އަވަސްކުރުމުގެ މުހިންމުކަން ވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.