އެއްވެސް ދިވެއްސަކު އަމިއްލަ ރުހުމުގައި އެމީހެއްގެ އަމިއްލަ ރަށް ދޫކޮށް ދާން ނޭދޭނެ ކަމަށާއި ދިވެހީން، ދިވެހީންގެ ރަށްތަކުގެ ހިމާޔަތުގައި މަސައްކަތް ކުރާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހައި-ލެވެލް ޕްލެނަރީ މީޓީންގ އޮން އެޑްރެސިންގ އެގްޒިސްޓެންޝަލް ތްރެޓްސް ޕޯޒްޑް ބައި ސީ-ލެވެލް ރައިޒްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ދިވެހިރާއްޖެއިން، ރާއްޖޭގެ ރަށްތައް ސަލާމަތްކުރުމުގައި ދެގޮތެއްނުވެ ދެމިތިބޭނެކަމުގައި ވިދާޅުވެފައެވެ.

"ދިރިއުޅުން ބިނާވެފައިވާ މަސައްކަތް، އިޖްތިމާޢީ-އިގުތިސާދީ ގޮންޖެހުންތައް އަދި ކަނޑުގެ ލޮނުގަނޑު އުފުލުމާއި ތަރިކައާ ސަގާފަތާ ހުރިގުޅުން" މައުޟޫއެއްގެ ގޮތުގައި ކަނޑައަޅައިގެން ކުރިއަށް ގެންދިޔަ މި ސެޝަނުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކަނޑުގެ ލޮނުގަނޑު އުފުމުގެ ސަބަބުން ކުރިމަތިމާ ނޭދެވޭ އަސަރުތައް ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގަތުމަށް އެދިވަޑައިގެންފައެވެ. އަދި އެ މަނިކުފާނު ވަނީ މިކަމާގުޅޭ ގޮތުން މައިގަނޑު ތިން ނުކުތާއެއް ފާހަގަކުރައްވާފައެވެ.

ފުރަތަމަ ކަމަކަށް އިގުތިސާދު ސިންދަފާތުކުރުމާއި އަދި ކަނޑުފަޅުގެ ދިރުންތަކުގެ މައްޗަށް ބިނާވެފައިވާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރާ ދިރިއުޅުމުގެ މަސައްކަތްތައް ޙިމާޔަތްކުރަންޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ.

ދެވަނަ ކަމަކަށް ޒުވާނުން އަދި އަންހެނުންނަށް އިސްކަންދީގެން މުޖުތަމައުތައް ބާރުވެރިކޮށް، ސަގާފަތާއި ތަރިކަ އަދި އަމިއްލަވަންތަކަން ހިމާޔާތްކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

ތިންވަނަ ކަމަކަށް، ކަނޑުގެ ލޮނުގަނޑު އުފުލުގެ ނުރައްކަލާ އެއްވެސް ގައުމެއް ގިނިކަންޏާ ކުރިމަތިލައި، ހައްލު ހޯދަންޖެހިގެންނުވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވެ، އަދި މި މައްސަލައިގައި މުޅި ބައިނަލްއަގުވާމީ މުޖުތަމައުން މަސައްކަތް ކުރަންޖެހޭކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، އަންނަން އޮތް ޖީލުތަކުގެ ދިރިއުޅުމަށާއި ސަޤާފަތްތައް ހިމާޔަތްކުރެވިފައިވާ އަމާން މުސްތަޤްބަލެއް ލިބެންޖެހޭކަން ފާހަގަކުރައްވައި، މިކަމުގައި ހަރުދަނާ ގޮތްތަކެއް ނިންމުމަށް ގޮވާލެއްވިއެވެ. އަދި މިކަމަށް އެދެވޭ ޙައްލެއް ނުހޯދޭކަމުގައިވާނަމަ، މިތަނަށް އެއްވެ މިތިބި ބޭނުމާމެދު ސުވާލު އުފެދޭ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.