ރަޝިޔާއިން ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރާނެ ގޮތުގެ ނަޒަރިއްޔާ އަދާހަމަ ކުރުމަށް ރައީސް ޕޫޓިން އަންގަވައިފިއެވެ. ރަޝިޔާއިން ނިއުކްލިއާ ޑޮކްޓްރިން އަޕްޑޭޓް ކުރުމަށް ނިންމީ އިސްވެ ނިއުކްލިއާ ހަމަލައެއް ދޭން ޖެހިދާނެ ހާލަތްތަކާއި ދިފާޢުގައި ނިއުކްލިއަރ ޙަމަލައެއް ދޭނެ ޙާލަތްތައް ސާފުކޮށް ކަނޑައަޅައި ބަޔާން ކޮށްދިނުމުގެ ގޮތުންނެވެ. ރަޝިޔާގެ ޤައުމީ ސަލާމަ ބެހޭ މަޖިލީހުގެ ޖަލްސާގައި އިއްޔެ ވާހަކަ ދައްކަވަމުން ޕޫޓިން ވިދާޅުވީ، ރަޝިޔާއަށް ވައިގެ މަގުން ބޮޑު ހަމަލައެއް ދޭން އުޅޭކަމުގެ "އިތުބާރު ހުރި މަޢުލޫމާތު ލިބުން" އެއީވެސް ނިއުކްލިއަރ ޙަމަލައެއް އިސްވެ ދިނުމަށް ފުދޭ އިންޒާރެއް ކަމުގައި ބަލަން ވާނެ ކަމަށެވެ.
ޕޫޓިން ވިދާޅުވީ، ރަޝިޔާގެ ނިއުކްލިއާ ބާރަކީ ނުރައްކަލެއް ހުއްޓުވުމަށް ބޭނުން ކުރުމަށް ހުއްދަ ސިޔާސަތެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި މިންގަނޑުތަކެއް އެކުލަވާލަން ޖެހޭނެ ކަމަށެވެ. އަދި އަދާހަމަކުރާ ލިސްޓްގައި އެކަންކަން ހިމަނަންވާނެ ކަމަށެވެ.
"ބޮޑު ބާރަކާ ގުޅިފައިވާ ނިއުކްލިއާ ބާރަކަށް ނުވާ ދައުލަތަކުން ރަޝިޔާއާ ދެކޮޅަށް ޙަމަލައެއް ދިންކަމުގައިވިއަސް އެއީ ނިއުކްލިއާ ބާރަކުން ތާއީދުކުރާ އަނިޔާވެރި އަދި އެ ބައިމީހުންގެ ގުޅިފައިވާ ހަމަލައެއްގެ ގޮތުގައި ބަލަންވާނެ." ރައީސް ޕޫޓިން ވިދާޅުވި އެވެ.
ޕޫޓިން ވިދާޅުވީ، ރަޝިޔާ ނުވަތަ ރަޝިޔާގެ އެންމެ ގާތް އެކުވެރި ބެލަރޫސްއާ ދެކޮޅަށް އެހެން ދައުލަތަކުން ދޭ "ބޮޑު" މިސައިލް ހަމަލައެއް ނުވަތަ ވައިގެ ހަމަލާއަކާ ބެހޭ "އިތުބާރު ހިފޭ މައުލޫމާތު" ލިބިއްޖެ ނަމަ ނިއުކްލިއާ ބާރު ބޭނުންކޮށްގެން ރައްދު ދިނުމަށް މޮސްކޯއިން "ވިސްނާނެ" ކަމަށެވެ.
ދުޝްމަނުން ދޭ ހަމަލަތަކުގައި ބޭނުންކޮށްފާނެ ކަމަށް ބަލާ ހަތިޔާރުތަކުގެ ތެރޭގައި ބެލިސްޓިކް ނުވަތަ ކްރޫޒް މިސައިލްތަކުން ފެށިގެން ސްޓްރެޓެޖިކް އެއާކްރާފްޓްތަކާއި ޑްރޯންތަކާ ހަމައަށް ސްޓްރެޓެޖިކް ހަތިޔާރުތައް ލިސްޓު ކޮށް ހިމެނިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރަޝިޔާ އާއި ބެލަރޫސް އަށް އަނިޔާވެރިވާ ހާލަތެއްގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުމުގެ ޙައްޤު އަޅުގަނޑުމެންނަށް ލިބިގެންވޭ،" ރަޝިޔާގެ ރައީސް ވިދާޅުވި އެވެ. އަދި އެކަން ބެލަރޫސްއާއެކު ވިލަރެސް ކުރެވޭ ކަމަށްވެސް ޕޫޓިން ވިދާޅުވިއެވެ.
"އާންމު ހަތިޔާރު ބޭނުންކުރުމުގެ ތެރެއިން ދެ ޤައުމުން ކުރެ އެއްވެސް ޤައުމެއްގެ އިސްތިގުލާލަށް ބޮޑު ނުރައްކަލެއް" ކުރިމަތިކޮށްފި ޙާލަތެއްގައިވެސް ނިއުކްލިއަރ ބޭނުން ކުރެވިދާނެ ކަމަށް ޕޫޓިން ވިދާޅުވިއެވެ.
ރަޝިޔާގެ ނިއުކްލިއާ ޑޮކްޓްރިންއަށް ގެންނަ ބަދަލުތަކަށް އަމަލުކުރަން ފަށާ ތާރީޚުގެ ތަފްސީލެއް ޕޫޓިންނެއް ނުދެއްވަ އެވެ.
ރަޝިޔާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ސާގޭ ރިޔާބްކޯވް އާއި ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވެސް ވަނީ ފާއިތުވި މަސްތަކުގައި އެ ޑޮކްޓްރިން އަށް ބަދަލުތަކެއް ގެނައުމަށް މަޝްވަރާ ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އޮގަސްޓް މަހުގެ ފަހުކޮޅު ފޮރިން މިނިސްޓަރު ސާގޭ ލަވްރޯވް ވަނީ އެ ޑޮކިއުމެންޓް "މުރާޖައާ ކުރަމުން އަންނަ" ކަމަށް ވިދާޅުވެފަ އެވެ.