ޕްރައިވެޓް ޕޯޓް ފެސިލިޓީތައް ކަސްޓަމްސްގެ މިންގަނޑަށް ފެތޭތޯ ބެލުމުގެ ސަރވޭއެއް ފަށައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް އިން މައުލޫމާތުދޭ ގޮތުގައި ކ. ތިލަފުށީގައި ޤާއިމްކޮށްފައިވާ ޕްރައިވެޓް ޕޯޓް ފެސިލިޓީތައް ކަސްޓަމްސްގެ މިންގަނޑަށް ފެތޭތޯ ބެލުމުގެ ސަރވޭއެއް ދަނީ ކުރަމުންނެވެ. އަދި މި ސަރވޭގެ ނަތީޖާއަށް ބަލައި މިންގަނޑަށް ނުފެތޭ ތަންތަން ރަނގަޅު ކުރުމަށް ފުރުސަތުދޭނެ ކަމަށާއި ކުރިމަގުގައި ޚިދުމަތް ލިބޭނީ ޝަރުތުހަމަވާ ތަންތަނަށް ކަމަށްވެސް ކަސްޓަމްސް އިން މައުލޫމާތުދެއެވެ.

ޕްރައިވެޓް ޕޯޓް ފެސިލިޓީ, "ކަސްޓަމްސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅޭނީ ކަސްޓަމްސް ސަރަހައްދުތައް ސަރޓިފައިކުރުން" އުސޫލުގައި އެތަނެއްގައި ފުރިހަމަ ކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ސަރަހައްދު ފެންސު ޖަހާ ބަންދު ކުރެވިފައިވުމާއި ސަރަހައްދަށް ވަދެނުކުމެވާ އުޅަނދުފަހަރާއި މީހުންގެ އެކްސެސް ކޮންޓްރޯލް ކުރެވި ލޮގްކުރެވޭނެ ނިޒާމު ގާއިމްވެފައި ހުރުމުންނެވެ. މީގެއިތުރުން، ސަރަހައްދު އެކަށީގެންވާ ގޮތެއްގައި ދިއްލޭނެ އިންތިޒާމު ހަމަޖެހިފައި ހުރުމަކީވެސް މުހިންމު ކަމެކެވެ.

ކަސްޓަމްސްގެ ސަރަހައްދުތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ފުރިހަމަވެފައިވޭތޯ ބެލުމަށް ކުރެވޭ ސަރވޭގައި ބަލާނީ "ކަސްޓަމްސް ސަރަހައްދުތައް ސަރޓިފައިކުރުން" އުސޫލުގެ 14 އަދި 15 ވަނަ މާއްދާގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށެވެ.

ޕްރައިވެޓް ޕޯޓް ފެސިލިޓީތައް ކަސްޓަމްސްގެ އާންމު ގަވާއިދުގެ 6 އަދި 7 ވަނަ މާއްދާގައިވާ މިންގަނޑުތަކަށް ފެތޭތޯ ބެލުމަށްފަހު ނުވަތަ "ސަރޓިފައި" ކުރުމަށްފަހު، ސަރވޭ ރިޕޯޓު އެ ޕޯޓުގެ ވެރިފަރާތަށް ދޭންވާނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.