ބައިނަލްއަޤްވާމީ ބެންކިން ނިޒާމުގައި ފައިސާ ބަދަލު ކުރުމަށް ބޭނުން ކުރާ ސުވިފްޓްގެ ނިޒާމަކީ ހުޅަނގުގެ ނިޒާމެކެވެ. ރަޝިޔާއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާއެކު އެ ނިޒާމުން ރަޝިޔާ ވަނީ ބޭރުކޮށްލާފައެވެ. މާނައަކީ، ބައިނަލްއަޤްވާމީ މާލީ ނިޒާމުގެ ތެރޭން ރަޝިޔާއަށް އެހެން ޤައުމުކުން ފައިސާ ލިބިގަނެވޭނެ ގޯތެއް ނޯންނާނެއެވެ.
ރަޝިޔާގެ ރައީސް ޕޫޓިން ވިދާޅުވާ ގޮތުގައި ހުޅަނގުގެ ނުފޫޒުން ބައިނަލްއަޤްވާމީ މާލީ ނިޒާމު މިނިވަން ކުރުމަށް ބްރިކްސްގެ ޤައުމުތަކުން ދަނީ އެ ޤައުމުތަކުގެ އަމިއްލަ މާލީ މުޢާމަލާތް ބަދަލު ކުރުމުގެ ނިޒާމެއް ތަރައްޤީ ކުރަމުންނެވެ.
ބްރިކްސްގެ މެމްބަރު ޤައުމުތަކުން ގުޅިގެން ޖަމާޢަތުގެ ތެރޭގައި ވިޔަފާރި ކުރުމަށް ބޭނުންކުރާނެ ޕޭމަންޓް އެންޑް ސެޓްލްމަންޓް ފްރޭމްވޯކެއް އެކުލަވާލަމުންދާ ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވިދާޅުވީ، ބުރާސްފަތި ދުވަހު މޮސްކޯގައި ބޭއްވި ރަޝިޔާގެ ހަކަތަ ހަފްތާގެ ފޯރަމްގައެވެ.
ޕޫޓިން ފާހަގަކުރެއްވި ގޮތުގައި ‘ރަހުމަތްތެރި’ ގައުމުތަކަށް ރަޝިޔާގެ ތެލާއި ގޭސް ފޯރުކޮށްދިނުމުން އިޤްތިޞާދީ ހަމަޖެހުން ކަށަވަރުވެ، ދުނިޔޭގެ ބާޒާރުގައި ކާމިޔާބުކަމާއެކު އެޤައުމުތަކަށް ވާދަކުރެވޭނެ އެވެ. ނަމަވެސް ރަޝިޔާގެ ހަކަތައަށް ބޭރު ގައުމުތަކުން ފައިސާ ދެއްކުމުގައި "ދަތިތަކެއް" އެބަހުރި ކަމަށް ރައީސް ޕޫޓިން ޤަބޫލުކުރެއްވި އެވެ. ޔޫކްރޭންގެ ހަމަނުޖެހުންތަކާ ގުޅިގެން ހުޅަނގުން މޮސްކޯއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ރަޝިޔާ ވަނީ ސްވިފްޓް ބައިނަލްއަގްވާމީ ބޭންކިން ނިޒާމުން ބޭރުކޮށްލާފައެވެ.