ދިވެހިރާއްޖެ ތަރައްގީއަށް ކުރާ ދަތުރުގައި ޗައިނާއިން ދަނީ މެދުނުކެނޑި، ސާބިތުކަމާއެކު ބައިވެރިވަމުންކަމަށާއި، ސިނަމާލެ ބްރިޖާއި، ބޯހިޔާވަހިކަން އަދި މި ނޫންވެސް ގިނަ އުމްރާނީ މަޝްރޫއުތަކަކީ މި ދާއިމީ ގުޅުން ދައްކުވައިދޭ ދިރިހުރި ނިޝާންތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ޗައިނާގެ 75 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރިސެޕްޝަނުގައި ވާހަކަފުޅުދައްކަވަމުންނެވެ.

‎ޗައިނާގެ ވެރިންނާއި ރައްޔިތުންނަށް ގައުމީ ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރައްވަމުން ރައީސް ވަނީ، އެ ގައުމުގެ ރައްޔިތުންގެ ހިންމަތްތެރިކަމާއި ނުގުޑާ އަޒުމާއި، އަދި ސާބިތުކަން ފާހަގަކުރައްވާފައެވެ. އަދި ދުނިޔޭގެ އިގުތިސާދުގައި ބާރުވެރި ގައުމެއްގެ ގޮތުގައި ޗައިނާ ހިމެނިގެންދިޔައީ، ގައުމުގެ ތަރައްގީ ޒަމާނާ ހަމަހަމަކުރުމަށް އަހައްމިއްޔަތުކަން ދީގެން ވިލުންތެރިކަން ހާސިލްކުރުމަށް ޗައިނާއިން ދަތުރުކުރި ރާސްތާގެ ސަބަބުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

‎އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ދެ ގައުމުގެ ގުޅުމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބިނާވެފައިވަނީ އިތުބާރާއި، އިހުތިރާމާއި، ސިޔާދަތު ދެމެހެއްޓުމާއެކު، އިސްތިގުލާލު ހިފެހެއްޓުމުގެ ބިންގަލުގެ މަތީގައިކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި، ވިޔަފާރި އާއި، ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، އިއާދަކުރަނިވި ހަކަތަ އާއި، ބޯހިޔާވަހިކަމާއި ބިނާރު އަދި ސަގާފީ ދާއިރާގައި މިހާރަށްވުރެ ގުޅުން ބަދަހިވުމަށް އެމަނިކުފާނު ކުރައްވާ ތަސައްވުރު ހިއްސާކުރައްވާފައިވެއެވެ.

‎މުސްތަގުބަލުގައި ދެ ގައުމުގެ މެދުގައިވާ ގުޅުން ބަދަހިވެ، އެއްބާރުލުން އިތުރުވެ، ފަހި ފުރުސަތުތަކެއް ލިބި، ތަމައްދުނުވެ، އަމަންއަމާންކަން އިތުރުވެގެންދާނޭކަމަށް ޔަގީންކުރައްވާކަމަށްވެސް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

ޗައިނާގެ ޤައުމީ ދުވަސް ފާހަގަކުރަނީ 1949 ވަނަ އަހަރު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނު ދުވަހުންފެށިގެންނެވެ.