އދ.ގެ ސަލާމަތީ މަޖިލީހުގެ ވަގުތީ ގޮނޑިއަކަށް ކުރިމަތިލާފައިވާކަމަށް ޔޫއޭއީއިން ބުނެފިއެވެ.

އދ ގެ ސަލާމަތީ މަޖިލީހަކީ 15 ގޮނޑީގެ މައްޗަށް އެކުލެވޭ ސަލާމަތީ މަޖިލީހެކެވެ. މި މަޖިލީހުގައި 5 ދާއިމީ މެންބަރުންގެ އިތުރުން ވަގުތީ 10 މެންބަރުން ހިމެނެއެވެ.

2022ން 2023އަށް ހިންގާ ދައުރަށް އަންނަ އަހަރުގެ ޖޫން މަހުގައި އދ އިން ފަސް ޤައުމެއް ކަނޑައަޅާނެއެވެ.

ޔޫއޭއީގެ ދަޢުލަތުގެ ނޫސް އިދާރާއިން ބުނީ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބުކުރުމަށް ޔޫއޭއީއިން ކުރާ މަސައްކަތް ބިނާކުރާނީ ބައިވެރިވުން އިތުރުކުރުމަށާއި އައު ޚިޔާލުތަކާއި ވިސްނުންތަކަށް ހިތްވަރުދިނުމަށާއި އުދަގޫ ޙާލަތްތަކުން އަރައިގަތުމުގެ ޤާބިލިއްޔަތުކަން އިތުރުކޮށް ސުލްޙަ ޤާއިމްކުރުމުގެ މައްޗަށްކަމަށެވެ.

ޔޫއޭއީގެ ޚާރިޖީ ވަޒީރު ޝެއިޚު އަބްދުﷲ ބިން ޒައިން އަލްނަހްޔާން ވިދާޅުވީ ބައިނަލްއަޤްވާމީ އަމާންކަމާއި ސަލާމަތްކަން ދެމެހެއްޓުމަށް އެ ޤައުމުން އަމަލުކުރާ އުސޫލުތަކާ އެއްގޮތަށް ސަލާމަތީ މަޖިލީހުގެ އެހެން މެންބަރު ޤައުމުތަކާ ގުޅިގެން ޔޫއޭއީއިން މަސައްކަތްކުރާނެކަމަށެވެ.

އިސްރާއީލާއެކު ގުޅުންބަދަހިކުރުމަށް މިދިޔަ މަހުގެ ތެރޭގައި ޔޫއޭއީ އަދި ބަހުރައިނުން ނިންމާފައިވާއިރު އަރަބި ދުނިޔޭގެ ބައެއް ޤައުމުތަކުން ދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ. ޔޫއޭއީއާއި ބަހުރައިނުން އިސްރާއީލާއެކު ގުޅުން ޤާއިމްކޮށްފައިވަނީ މެދުއިރުމަތީގެ ސަރަޙައްދުގައި އީރާނުގެ ބާރުގަދަވަމުންދާތީ އެ ޤައުމުގެ ނުފޫޒުކުޑަކުރުމަށް އެކުގައި މަސައްކަތްކުރުމަށް ކަމަށް ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.