މި ދުނިޔޭގައި މީސްތަކުން އުޅެން ފެނިފައި އޮންނަނީ ދެ ގޮތެކެވެ. އެއްގޮތަކީ އަމިއްލަ ނަފުސު ރުއްސަން (Self oriented) މަސައްކަތް ކުރުމެވެ. ނުވަތަ އަމިއްލަ އެދުންތައް ފުއްދަން މަސައްކަތް ކުރުމެވެ. ދެވަނަ ގޮތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރުއްސެވުން (God oriented) ހޯދަން އުޅުމެވެ.
މީހަކަށް ވެވޭނީ މިދެގޮތުން އެއްގޮތަކަށެވެ. އަމިއްލަ އެދުންތައް ފުއްދަން އުޅޭމީހާއަކަށް ﷲ ގެ ރުއްސެވުމެއް ނުލިބޭނެއެވެ. އޭނާ ދަތުރުކުރަން ޖެހޭނީ އަމިއްލައަށް އިޚުތިޔާރު ކުރާ މަގަކުންނެވެ. ނުވަތަ ﷲ ކަނޑައަޅުއްވާފައިވާ މަގަކުންނެވެ. ދެމަގުން އެއްފަހަރާ ދަތުރު ކުރުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. އަދި މިދެގޮތް ފިޔަވައި އެހެން ގޮތެއް ހޯދުމަކީވެސް ކުރެވޭނޭ ކަމެއް ނޫނެވެ.އަމިއްލަ އެދުން ފުއްދަން އުޅޭ މީހާގެ ވިސްނުމުގެ މަރުކަޒަކަށްވާނީ އޭނާގެ އަމިއްލަ ނަފުސެވެ. އޭނާއަށް ފެންނާނީ ޚުދު ތިމާއަށް ކުރިމަތިވާ މައްސަލަތައް އެކަންޏެވެ. އަމިއްލަ އެދުން ބޮޑުވުމާއި، އުސޫލެއް ނުވަތަ އިންސާފެއް ނެތުމުގެ ސަބަބުން އެހެން މީހެއްގެ މައްސަލަތައް ނުފެންނާނީއެވެ. މިފަދަ މީހަކު ބޭރުފުށުން ފެންނާނީ އިންސާނެއްގެ ސިފައިގައެވެ. އެކަމަކު އެތެރެފުށް ވާނީ ޙައިވާނުންގެ ދަރަޖައަށް ވެއްޓިފައެވެ. އޭނާގެ ދިރިއުޅުމާއި، ޙައިވާނުންގެ ދިރިއުޅުމުގައި އެއްވެސް ތަފާތެއް ނުހުންނާނެއެވެ.
މިއާ ޚިލާފަށް ﷲ ގެ ރުއްސުން ހޯދަން މަސައްކަތްކުރާ މީހާގެ ވިސްނުމުގެ މަރުކަޒަކަށްވާނީ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. އޭނާ ދެކޭނީ ދުނިޔެއާއި، ދުނިޔޭގެ ހުރިހާ ތަކެއްޗަށްވުރެ ﷲ ގެ ރުއްސެވުމުގެ އަގު މާބޮޑު ކަމުގައެވެ. އޭނާ ހެވަކަށް އުއްމީދު ކުރާނީ ހަމައެކަނި ﷲ ގެ ޙަޟުރަތުންނެވެ. ބިރުގަންނާނީ ހަމައެކަނި ﷲ އަށެވެ. އޭނާގެ ކުރިމަތީގައި ހުރިހައިވެސް އެއްޗަކީ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. އަމިއްލަ ނަފުސު އެއްވެސް އެއްޗަކަށް ނުބަލާނެއެވެ. މިއީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރުއްސެވުން އެދޭ މީހާއެވެ.
އިންސާނާގެ މަންޒިލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. މިއަށްވުރެ ދެރަ “އެއްޗެއް” އިންސާނާގެ މަންޒިލަކަށް ނުވާނެއެވެ.