ޗައިނާގެ 75 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި، އެގައުމުގެ ރައީސް ޝީ ޖިންޕިންގްއަށާއި، ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާގެ ބޮޑުވަޒީރު ލީ ޗާންގްއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެ ސިޓީފުޅެއް ފޮނުއްވައިފިއެވެ.

ޗައިނާގެ ރައީސް ޝީއަށް ފޮނުއްވި ސިޓީފުޅުގައި ރައީސް ވަނީ، "ވަން-ޗައިނާ ޕޮލިސީ" އަދި، ދެ ގައުމު ހިއްސާކުރާ ދޭދޭ މަސްލަހަތު ހިމެނޭ ކަންކަމާ، އިސްތިގުލާލީ ހަމަހަމަކަމާއި، ސަރަހައްދީ ނަޒާހާތްތެރިކަން ނުވަތަ ބޭރުގެ ފަރާތަކުން އަތުވެދާނެ އުދުވާނަކުން ދިފާއުވުމަށް ލިބިދީފައި އޮތް ހައްގާއި، ދާހިލީ ކަންކަމުގެ ތެރެއަށް އެހެން ބައެއްގެ ނުފޫޒު ފޯރުވުމާ ދެކޮޅު ސިޔާސަތަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން ތަކުރާރު ކުރައްވާފައެވެ.

އަދި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވަމުން ދާނެ ކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށާ، މި ކުރިއެރުންތަކުގެ ސަބަބުން ދެ ގައުމަށްވެސް ފައިދާކުރަނިވި ހެޔޮ ބަދަލުތަކެއް ލިބެމުން ދާނެ ކަމަށް ރައީސްގެ ސިޓީފުޅުގައި ވަނީ ވިދާޅުވެފައެވެ.

ބޮޑުވަޒީރު ލީ ޗާންގްއަށް ފޮނުއްވި ސިޓީފުޅުގައި ރައީސް ވަނީ، ދެ ގައުމުގެ މަސްލަހަތު އޮތް ހުރިހާ ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް ދިވެހިރާއްޖެއިން ވެފައިވާ ވައުދު ތަކުރާރު ކުރައްވާފައެވެ. އަދި ދެ ގައުމުގެ މެދުގައި މިހާރުވެސް އޮތް ގާތް ގުޅުން އިތުރަށް ބަދަހިކޮށް އަދި މިގުޅުން އާ އުސްމިންތަކަކަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތްކަން ރައީސް ފާހަގަކުރައްވާފައެވެ.

ޗައިނާގެ ގައުމީ ދުވަސް ފާހަގަކުރަނީ، 1949 ވަނަ އަހަރު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނު ދުވަހުގެ މުނާސަބަތުގައެވެ.