އެކާވީސް ވަނަ ގަރުނުގައި ހަމަހަމަ ތަޢުލީމީ ފުރުސަތުތައް ލިބިދިނުމުގެ މުހިންމުކަމާއި، އެ ފުރުސަތު ފަހިކޮށްދިމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ފާހަގަކުރައްވައިފިއެވެ.

އެ ކަމަނާ މިކަން ފާހަގަ ކުރައްވައި ވާހަކަފުޅު ދެއްކެވީ މިއަދު ހެނދުނު ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ) ގައި ބޭއްވި 7 ވަނަ "އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

‎"އެޑިއުކޭޓް، އެމްޕަވަރ، އެލެވޭޓް؛ އިކުއިޓަބަލް އެޑިއުކޭޝަން ފޮރ ޓުވެންޓީ ފަސްޓް ސެންޗަރީ އެޑިއުކޭޝަން އެކްސަލަންސް،" މި ޝިއާރުގެ ދަށުން ކުރިއަށް ގެންދާ މި ކޮންފަރެންސަކީ މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުން އުނގަންނައިދޭ ފަރާތްތަކާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން ކަމާ ގުޅުންހުރި ބޭފުޅުން އެއްތަނަކުން ބައްދަލުވެ ފުޅާދާއިރާއެއްގައި މަޝްވަރާކުރެވޭނެ ބައްދަލުވުމެކެވެ.

‎ރައީސްގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، ކުދިންގެ ޙަސަބާއި ނަސަބަށް ބެލުމެއްނެތި، ހުރިހާކުދިން ޝާމިލުވާގޮތަށް ކޮންމެ ކުއްޖަކާ ހިސާބަށް ތައުލީމުގެ ފުރުސަތު ވާސިލުވާން ބޭނުންފުޅުވާކަން ފާހަގަކުރެއްވިއެވެ. ހަމަހަމަ ފުރުސަތު ފަހިކޮށްދީ، ކޮންމެ ކުއްޖަކުމެ ތަޢުލީމުގައި ޝާމިލުވާކަން ޔަގީންކުރުމަކީ އަބަދުވެސް ދިވެހިރާއްޖޭގެ ތައުލީމު ކުރިއެރުވުމުގައި އިސްކަންދެމުންއައި ގޮތް ކަމުގައި އެ ކަމަނާ ވިދާޅުވިއެވެ.

އެ ކަމަނާގެ ވާހަކަފުޅުގައި، މުދައްރިސުންގެ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ތައުލީމީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ވެފައިވާ ވަޢުދުތަކުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ސްކޫލްގައި ހޭދަކުރަންޖެހޭ ވަގުތު ވަކިވަރެއްގައި ހިފެހެއްޓުމާއި ކިޔަވައިދިނުމުގައި ޙަރަކާތްތެރިވާ ފަންނީ ބޭފުޅުންގެ އިދާރީ މަސައްކަތްތައް މަދުކޮށް، އުނގަންނައިދިނުމުގެ ކަންކަމަށް އިތުރަށް ސަމާލުކަން ދިނުމަށް ވަގުތު ހުސްކޮށްދިނުންފަދަ ކަންކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެއިރުތުން، މުދައްރިސުންނަށް ފަންނީ ތަރައްގީގެ ފުރުސަތުތައް ފަހިކޮށްދީ، މަސައްކަތު ބައްދަލުވުންތައް ކުރިޔަށްގެންގޮސް، ތާޒާކުރުމުގެ ޕްރޮގްރާމުތައް ރާވާ ހިންގާ، ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަންވެސް އެކަމަނާގެ ވާހަކަފުޅުގައި، ފާހަގަކުރެއްވިއެވެ.

‎ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމުގައި ހުރި ދަތިތަކާއި ހުރަސްތައް ފާހަގަކުރައްވައި، ރާއްޖޭގެ ރަށްތައް ވަކިވަކިން ހުރުމުގެ ސަބަބުން ހާއްސަގޮތެއްގައި ރަށްފުށުގެ ތައުލީމީ ނިޒާމު ހަރުދަނާކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށް، އެކުގައި މަސައްކަތްކޮށް، ބިނާކުރަނިވި ޙައްލުތައް ހޯދައި، ތައުލީމީ ވަސީލަތްތަކާއި، ގޮތްތަކާއި، ފުރުސަތުތައް އިތުރުކުރުމުގައި ޓެކްނޮލޮޖީގެ ދައުރު އެ ކަމަނާ ފާހަގަކުރެއްވިއެވެ.

‎ރައީސްގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، ތަޢުލީމީ ނިޒާމު ހަރުދަނާކުރުމަށް، މުދައްރިސުންގެ ދައުރު އަދާކުރުމުގެ އިތުރުން ރަށްރަށުގައި ކިޔަވައިދޭ ޓީޗަރުން، އެ މުޖުތަމަޢުތަކުގެ މުރުޝިދުންނާއި ވެރީންގެ ގޮތުގައި ހަރަކާތްތެރިވާކަން އުފަލާއެކު ފާހަގަކުރެއްވިއެވެ.

‎އެ ކަމަނާގެ ވާހަކަފުޅުގެ ކުރިން، މި ކޮންފަރެންސްގައި ތައުލީމީ ވުޒާރާގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރ ޑޮކްޓަރ އިސްމާއީލް ޝަފީއު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ހަނދާނީ ފިލައެއް އަރުވާފައެވެ