ނ. މިލަދޫގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެގުމަށް މަގުފަހިކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސް، އެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ފުލުހުން ބުނީ މި ޕްރޮގްރާމަކީ ލައިސަންސް ނެތި އެއްގަމު އުޅަނދު ދުއްވާ މައްސަލަތައް ހައްލުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ.

އަދި މި ޕްރޮގްރާމުގައި ޓްރެފިކް ގަވާއިދުތަކަށް އަހުލުވެރިކުރުމަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކާއި، ލައިސަންސް ނަގާ މީހުންނަށް ކޮންމެހެން އެނގެންޖެހޭ ކަންކަމުގެ މަޢުލޫމާތު ދެވުނެވެ. އަދި ދުއްވަން ދަސްކުރުމާއި ދުއްވުމުގެ ޓެސްޓު ކުރިއަށް ގެންދެވުނީ ނ. އަތޮޅު ކައުންސިލާއި މިލަދޫ ކައުންސިލާއި ގުޅިގެން ކަމަށްވެސް ފުލުހުން ބުންޏެވެ.

ސެޕްޓެންބަރު 28 ވަނަ ދުވަހު ބޭއްވުނު ނިންމުމުގެ ރަސްމިއްޔާތުގައި، މި ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ވަނީ ސެޓްފިކެޓް ދޫކުރެވިފައިވެއެވެ.

މީގެއިތުރުން ފުލުހުން ބުނީ އޮގަސްޓު 28 އިން ސެޕްޓެންބަރު 22 އަށް ކުރިއަށް ގެންދެވުނު މި ޕްރޮގްރާމަކީ ސައިކަލާއި ބަގީ ދުއްވުމުގެ ލައިސަންސް ނަގާ މީހުންނަށް ޚާއްޞަކޮށްގެން ހިންގުނު ޕްރޮގްރާމެއްކަމަށާޢި މި ޕްރޮގްރާމުގައި 28 މީހުން ބައިވެރިވެ، އޭގެ ތެރެއިން 25 މީހުން ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކަމަށެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ލައިސަންސް ނެގުމުގެ ކުރިން އެއްގަމު ދަތުރުފަތުރުކުރުމުގެ ޤާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމާއި، ލައިސަންސް ނަގައި ޤާނޫނީ އިމުގެ ތެރޭގައި އެއްގަމު އުޅަނދު ދުއްވުމަށް ހިތްވަރުދީ އެކަމަށް ބާރުއެޅުމެވެ.

މި ޕްރޮގްރާމަކީ ލައިސަންސް ނެތި އެއްގަމު އުޅަނދު ދުއްވާ މައްސަލަތައް ހައްލުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދެވުނުވުނު މުހިންމު ޕްރޮގްރާމެކެވެ.