އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.)ގައި ކުރިއަށްދާ ގައްޒާގެ މައްސަލައަށް ދިވެހިރާއްޖެއިން ތަދައްހުލުވާން ހުއަޅުއްވާފައިވާކަން ހާމަކުރައްވައި، ގައްޒާގައި އިސްރާއީލުން ހިންގާ ގާނޫނާ ހިލާފު އަމަލުތަކަށް އިސްރާއީލު ޖަވާބުދާރީކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

މި ކަން ހާމަކުރައްވައި އެކްސްގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓެއްގައި، ސައުތު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް ހުށަހެޅި "އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް އިން ދަ ގައްޒާ ސްޓްރިޕް،" މައްސަލައިގައި އައި.ސީ.ޖޭ.ގެ ގާނޫނުގެ 63 ވަނަ މާއްދާގެ ދަށުން ރާއްޖެއިން ތަދައްހުލުވާން ހުށައަޅައިފައިވާކަމުގައި ވިދާޅުވިއެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، ގައްޒާގައި ހިންގަމުންދާ ގާނޫނާ ހިލާފު އަމަލުތަކަށް އިސްރާއީލު ޖަވާބުދާރީކުރުވަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ހުއްޓާލުމަށް ގޮވާލައްވަމުން، ގާނޫނުގެ ވެރިކަން ދަމަހައްޓަން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިންސާނީ ހައްގުތައް ނެގެހެއްޓުމަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރާ ކުރުން ތަކުރާރުކުރައްވާ، ދިވެހިރާއްޖެއިން ހިޔާރުކުރާނީ އިންސާނީ، ސުލްހައާއި އަދި އިންސާފުގެ މަގުކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މިކަމުގައި ދިވެހި ސަރުކާރު ސާބިތުކަމާއެކު ފަލަސްތީނުގެ ރައްޔިތުންނަށް އެންމެ ފުރިހަމައަށް އެއްބާރުލުން ދެމުން ގެންދަވާނެކަންވެސް ރައީސް ހާމަކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަގުތުން މިކަމަށް ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލެއްވުމުގެ އިތުރުން، އެމަނިކުފާނު ވަނީ 1967ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފަލަސްތީނުގެ ވެރިރަށަކީ އިރުމަތީ ގުދުސް ކަމުގައި ކަނޑައަޅައި، ފަލަސްތީނުގެ ސިޔާދަތީ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ގޮވާލައްވާފައެވެ.

އައި.ސީ.ޖޭ.ގައި ސައުތު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް ހުށަހެޅި މި މުހިންމު މައްސަލައިގެ ތެރެއަށް ދިވެހިރާއްޖެއިން ތަދައްޚުލުވެފައިމިވަނީ ޒަމާނުއްސުރެ ދިވެހިރާއްޖެއިން ފަލަސްތީނުގެ ސިޔާދަތީ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ކުރަމުންގެންދާ މުހިންމު މަސައްކަތާ އެއްގޮތްވާގޮތުގެ މަތިންނެވެ.