މާބުޅާ ގަހަކީ ހޫނު އަދި މެދުމިނުގެ ހޫނު ސަރަޙައްދުތަކުގައި އާންމުކޮށް ފެންނަ ގަހެކެވެ. މި ގަހަކީ ކުދި ގަސްގަހާގެހީގެ ގިންތިއަށް ނިސްބަތްވާ ގަހެކެވެ.

މާބުޅާ ގަހުގެ ފަތްތައް ހުންނަނީ 3-8 ސެންޓިމީޓަރު ދިގުމިނުގައި އަދި 4-7 ސެންޓިމީޓަރު ފުޅާމިނުގައެވެ. ފަތްތަކުގެ ބުޑު ހުންނަނީ ހިތް ވައްތަރަށެވެ. ފަތުގެ ކައިރިތައް ހުންނަނީ ރާޅުކޮށެވެ. ފަތުގެ ކޮޅު ހުންނަނީ ތޫނު ކޮށެވެ. ފަތުގައި 5-7 ނާރު ހުރެއެވެ. ފަތްތައް ހުންނަނީ އޮމާންކޮށް، ތިރީފަރާތް ހުންނަނީ ރާޅުކޮށެވެ.

މާބުޅާ ގަހުގެ މާތައް ފޮޅެނީ ފަތްތަކުގެ ދެމެދުގައެވެ. ކޮންމެ މާލެއްވެސް ވަކިވަކިންނެވެ. މާގަނޑުގެ ދިގުމިނަކީ 4-5 ސެންޓިމީޓަރެވެ. މާގެ ބޭރު ފަތްތައް ހުންނަނީ 5 އަކަށް ބެހިފައެވެ. މާގެ ކުލައަކީ އޮރެންޖު-ރީނދޫއެވެ. މާގެ ފުޅާމިނަކީ 2-2.5 ސެންޓިމީޓަރެވެ.

މި ގަހުގެ މޭވާ ހުންނަނީ ކޯޅިއަކަށެވެ. މޭވާގެ ބޮޑުމިނަކީ 1.2×2 ސެންޓިމީޓަރެވެ. މޭވާ ހުންނަނީ 15-20 ކުދި ބައިތަކަކަށް ބެހިފައެވެ. މޭވާ ފައްކާވީމަ އޭގެ ކުލަ ބަދަލުވަނީ ކަޅު ކުލައަށެވެ.

މާބުޅާ ގަހުގެ މާ ފޮޅޭ އަދި މޭވާ އަޅާ މޫސުމަކީ ސެޕްޓެމްބަރު މަހުން އޭޕްރިލް މަހާ ހަމައަށެވެ. މި ގަސް ދިވެހިރާއްޖޭގައި އާންމުކޮށް ފެންނަނީ ހުޅުވިފައިވާ ސަރަޙައްދުތަކުގައެވެ.

މާބުޅާ ގަހަކީ ބޭސްވެރިކަމުގައި ބޭނުންކުރާ ގަހެކެވެ. މި ގަހުގެ ފަތާއި މުޑުވަށް ބޭނުންކޮށްގެން ތައްޔާރުކުރާ ބޭސް ބޭނުންކުރަނީ ކުޑަކަމުދާ އިރު ރިހުން ކަނޑުވުމަށާއި، ހުންއައުމުގައި، ނޭވާލާ ނިޒާމުގެ ބަލިތަކުގައި، ޖިންސީ ގުނަވަނުގެ ބަލިތަކުގައި، ދަތްއުނގުޅުމުގައި އަދި މުޅި ހަށިގަނޑުގައި ރިހުން އުޅޭ ޙާލަތްތަކުގައެވެ. މި ގަހުގެ މާލާއި ފަތް ބޭނުންކުރަނީ ހަމުގައި އުފެދޭ ފާރުތަކަށް ބޭސްކުރުމަށެވެ. މި ގަހުގެ އޮށް ބޭނުންކުރަނީ ބަނޑުހިންދުމަށާއި ކެއްސުން ހުއްޓުވުމަށެވެ.

https://sarukaaru.gov.mv/articles/4577