ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ހއ. އަތޮޅަށް ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ.

މި ދަތުރުފުޅުގައި ކޮމިޝަނަރގެ އަރިހުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ދާއޫދު އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން ބައިވެރިވެލައްވައެވެ.

ކޮމިޝަނަރގެ މި ދަތުރުފުޅުގައި، ހއ. އަތޮޅު ކައުންސިލާއި ރަށު ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އަދި އެ ރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނާ ބައްދަލުކުރައްވާނެއެވެ.

މި ބައްދަލުވުންތަކުގައި، ރަށްރަށުގެ ކުށުގެ ހާލަތު ބައްލަވައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް ފުލުހުންނާ ގުޅިގެން ކުރެވެންހުރި ކަންކަމާ މެދު މަޝްވަރާކުރައްވާނެއެވެ. އަދި ކުށްމަދުކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރުމަށާއި ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރައްވާނެއެވެ.

މިއަދުން ފެށިގެން މި މަހު 7 އަށް ކުރިއަށް ގެންދާ މި ދަތުރުފުޅުގައި ދިއްދޫ، ކެލާ، އުތީމު، ބާރަށް، ފިއްލަދޫ، ތަކަންދޫ، މާރަންދޫ، ހޯރަފުށި، ތުރާކުނު، އުލިގަން އަދި އިހަވަންދުއަށް ވަޑައިގަންނަވާނެއެވެ.