މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި އެކްސިޑެންޓްތައް މަދުކުރުމަށްޓަކައި، ދިވެހި ފުލުހުންގެ ޚިދުމަތުން "ފަހިރާސްތާ" ޕްރޮގްރާމް އިއްޔެ ހަވީރު ރަސްފަންނުގައި ކުރިއަށް ގެންގޮސްފިއެވެ.

ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، އެއްގަމު އުޅަނދު ދުއްވުމުގައި ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދޭންޖެހޭ ކަންކަމުގެ މަޢުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން، މަގުމަތީގައި ހިނގާބިނގާވެ އުޅުމާއި އެކްސިޑެންޓްތަކުން ރައްކާތެރިވާނެ ގޮތުގެ މަޢުލޫމާތާއި މަގުމަތީގެ އަދަބުތަކުގެ މަޢުލޫމާތުވެސް ދެސް ދީފައިވެއެވެ.

މި ޕްރޮގްރާމުގައި މަޢުލޫމާތު ފޯރުކޮށްދީފައިވަނީ އެކި ގޮތްގޮތުންނެވެ. އޭގެ ތެރޭގައި މީހުންނާ ސީދާ ބައްދަލުކޮށް މަޢުލޫމާތު ދިނުމާއި، ކުރެހުމާއި ޕޯސްޓަރު މެދުވެރިކޮށް މަޢުލޫމާތު ދިނުމާއި، ލީފްލެޓް ބެހުން ހިމެނެއެވެ. އަދި މީގެ އިތުރުން، މަގުމަތީގެ އަދަބުތަކާ ގުޅޭ ލަވަ، ބަނދި އަދި އޯޑިއޯ ކްލިޕް އަޑުގަދަކުރާ މެދުވެރިކޮށް ޢާންމުކޮށްފައިވެއެވެ.

މި ޕްރޮގްރާމުގައި ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭ ގޮތަށް ގިނަ ބަޔަކަށް މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށްވެސް ފުލުހުން ފާހަގަކުރެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވިގޮތުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މާލޭގެ މަގުތަކަކީ ރައްޔިތުންނަށް އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށް ޚާއްޞަ މަސައްކަތްތަކެއް ފުލުހުން ދަނީ ކުރަމުންނެވެ. "ފަހިރާސްތާ" ޕްރޮގްރާމަކީ މި މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ އެއް ޙަރަކާތެވެ.