މިހާރު ކުރިއަށްދާ އޭދަފުށީ ކަޕުގެ ފައިނަލުގެ ފަހު ޖާގަ ހޯދަން ވެލާ ސްޕޯޓްސް ކްލަބާއި ހުސް ސޮންގުން ފުޓްބޯޅަ ކްލަބު މިއަދު ހަވީރު ސެމީފައިނަލުގެ ވަރުގަދަ ކުރިމަތިލުމެއްގައި ބައްދަލު ކުރާނެއެވެ.
5 ޓީމު ވާދަކުރި މިމުބާރާތުގެ ލީގް ބުރުގައި މި ދެޓީމު ބައްދަލު ކުރި ފޯރިގަދަ ކުރިމަތިލުން ނިމުނީ 3-3 އިން އެއްވަރު ވެގެންނެވެ. ވެލާ ސްޕޯޓްސްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ އިތުރު ވަގުތުގައެވެ.
އޭދަފުށީ ކަޕުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދުމަށްޓަކައި ވެލާ ސްޕޯޓްސްއިން ވަނީ އޭދަފުށީގެ މަޝްހޫރު ކުޅުންތެރިންގެ އިތުރުން ކުރިން ގައުމީ ޓީމަށް ކުޅުނު ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) އެޓީމަށް ގެނެސްފައެވެ. މީގެ އިތުރުން މިދިޔަ އަހަރު ހުސް ސޮންގުންނަށް އޭދަފުށީ ކަޕުގެ ޗެމްޕިއަންކަން ހޯދައި ދިނުމަށް މުހިއްމު ދައުރެއް އަދާކުރި އިޝާން އިބްރާހިމް (ސައްޓު) ވެސް މިފަހަރު ފެނިގެންދަނީ ވެލާ ސްޕޯޓްސްއިންނެވެ. ވެލާ ސްޕޯޓްސްއަށް އިރުޝާދު ދެނީ ކުރީގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަހްމަދު ނިޔާޒް (ނިޔާ) އެވެ.
ހުސް ސޮންގުންނަށް ބަލާއިރު ގައުމީ ޓީމުގެ ކުރީގެ ކީޕަރު މުހައްމަދު އިމްރާން (ކުޑަ އިންމަ) އާއި ބިދޭސީ 2 ކުޅުންތެރިން އެ ޓީމުގައި އެބަތިއްބެވެ.
ވެލާ ސްޕޯޓްސް އާއި ހުސް ސޮންގުން ބައްދަލު ކުރާ ސެމީފައިނަލް މެޗް ފަށާނީ މިއަދު ހަވީރު 3:50 ގައެވެ. މިމެޗް އޭދަފުށީ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.