މެޗް ނިމެން ދަނިކޮށް އިޝާން އިބްރާހިމް (ސައްޓު) ކާމިޔާބު ކުރި ލަނޑުން 1-0 އިން އެންމެފަހުގެ ޗެމްޕިއަން ހުސް ސޮންގުން ބަލިކޮށް ވެލާ ސްޕޯޓްސް އޭދަފުށީ ކަޕުގެ ފައިނަލަށް މިއަދު ހަވީރު ދަތުރު ކޮށްފިއެވެ.

ބަލާހިތްވާފަދަ ރީތި ކުޅުމެއް ފެނުނު މިއަދުގެ ސެމީފައިނަލުގައި މެޗް ކޮންޓްރޯލްކޮށް ގިނަ ފުރުސަތުތައް ތަނަަވަސް ކުރީ ވެލާއިންނެވެ. އެކަމަކު ކައުންޓަރ އެޓޭކުގައި ހުސް ސޮންގުން އުފެއްދި 2 ހަމަލާއެއް ގޯލަށް ނުވަދެ ދިޔައީ ހަމަކިރިޔާއެވެ. މި ދެ ހަމަލާގެ ހުރަހަކަށްވީ ވެލާގެ ކީޕަރު އަލީ އަޖްފާން އަމްޖަދު (އޭޖޭ) އެވެ.

ފުރަތަމަ ހާފުގައި ލަނޑު ޖަހަން ވެލާއަށް ލިބުނު ރަނުގެ ދެ ފުރުސަތު ބޭނުން ކުރެވޭ ގޮތެއް ނުވިއެވެ.

ދެވަނަ ހާފް ފަށައިގެން ހުސް ސޮންގުން ކުޅުންތެރިން ފަރާތުން ވަރުބަލިކަން ވަރަށް ބޮޑަށް ފެނުނުއިރު، ކޯޗް އަހްމަދު ނިޔާޒް (ނިޔާ) ގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ވެލާއިން ދިޔައީ ފުލުފުލުގައި ހަމަލާތައް އުފައްދައި ފުރިހަމަ ވަގުތުގައި ނަތީޖާ ނެރުމަށް މަސައްކަތް ކުރަމުންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ސައްޓުއާ ހަވާލު ކުރަނީ. ފޮޓޯ: އޭދަފުށީ ޓައިމްސް

ވެލާގެ ނަސީބު އަތުގައި ހިފީ މެޗް ނިމެން ދަނިކޮށް ލިބުނު ކޯނަރަކުންނެވެ. ކެޕްޓަން ހުސައިން ޝަރީފް (މުޑާ) ނަގައިދިން ކޯނަރު ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ބޮލުގައި ޖެހިފައި ހުހަށް ހުރި ސައްޓުއަށް ލިބުމުންނެވެ. ސައްޓު ވަނީ ހަމަޖެހިލާފައި ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދާލާފަ އެވެ.

ފައިނަލުގައި ވެލާ ބައްދަލު ކުރާނީ އިރުމަތީ އެފްސީއެވެ. ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ ކުރިއަށް އޮތް ހުކުރު ދުވަހު ހަވީރު 3:45 ގައެވެ.