ޔޫއީއެފާ ޗެމްޕިއަންސް ލީގުގައި ރޭގައި އިޓަލީގެ ކްލަބެއް ކަމުގައިވާ ބްލޮގްނާ އަތުން 2-0 އިން މޮޅުވެ, ލިވަޕޫލުން ތާވަލުގެ ގަދަ އަށަކަށް ޖެހިލައިފިއެވެ.

ލިވަޕޫލުގެ ދަނޑު ކަމުގައިވާ އެންފިލްޑްގައި ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. ލިވަޕޫލުން މެޗުގެ ލީޑު ނެގީ 11 ވަނަ މިނެޓުގައެވެ. މި ލަނޑަކީ, މުހައްމަދު ސޮލާހު ނަގައިދިން ހުރަހަކުން އާޖެންޓީނާގެ މިޑްފީލްޑަރު އެލެކްސިސް މެކް އެލިސްޓާ ކާމިޔާބު ކުރި ލަނޑެކެވެ.

މެޗުގެ 30 ވަނަ މިނެޓުގައި ބްލޮގްނާއަށް ވަނީ ލަނޑެއް ޖަހަން ރަނުގެ ފުރުސަތެއް ލިބިފައެވެ. ހިލޭ ޖެހުމަކުން ފަހިވި ފުރުސަތަކުން ބަލޮންޔާގެ ޑޭން އެންޑޮޔޭ ފޮނުވާލި ބޯޅަ ވަނީ ދަނޑިއަށް އަރާފައެވެ.

ލިވަޕޫލުގެ ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 75 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ފުރަތަމަ ލަނޑު އެސިސްޓު ކުރި ސަލާހު, ޕެނަލްޓީ އޭރިއާގެ ބޭރުން ގޯލުގެ ކަނަށް ފޮނުވާލައިގެން ކާމިޔާބު ކުރި ލަނޑެކެވެ. ސަލާހުގެ މި ލަނޑާއެކު ލިވަޕޫލުން ވަނީ ފަސޭހަކަމާއެކު ބަލޮންޔާ ހިފަހައްޓާލައި މެޗު ކާމިޔާބު ކޮށްފައެވެ.

މި ލިބުނު މޮޅާއެކު ލިވަޕޫލަށް މި ސީޒަނުގައި ގުޅުނު އާ ކޯޗު, އާނޭ ސްލޮޓު ވަނީ ލިވަޕޫލުގައި ސީޒަނެއްގެ ފުރަތަމަ 9 މެޗުގެ ތެރެއިން 8 މެޗު ކާމިޔާބު ކުރި ފުރަތަމަ ކޯޗު ކަމުގެ ރެކޯޑު ހޯދާފައެވެ.

އޭނާގެ އިރުޝާދުގެ ދަށުން ތަފާތު ކުޅުމެއް ދައްކަމުން އަންނަ ލިވަޕޫލު އޮތީ ޔޫސީއެލްގައި މިހާތަނަށް ކުޅުނު 2 މެޗު ވެސް ކާމިޔާބު ކޮށްގެން ހޯދި 6 ޕޮއިންޓާއެކު އޮޓަމެޓިކް ކޮލިފިކޭޝަން ލިބޭ ގަދަ އަށެއްގައެވެ.