ޗެމްޕިއަންސް ލީގުގައި ރޭ އެސްޓަން ވިލާއިން 1-0 އިން ވަރުގަދަ ބަޔާން މިއުނިކް ބަލިކޮށްފިއެވެ.
އެސްޓަން ވިލާގެ ދަނޑު ކަމުގައިވާ ވިލާ ޕާކުގައި ރޭގައި ކުޅުނު މެޗަކީ ފުޓުބޯޅައިގެ ތާރީހުގައި މި ދެ ޓީމުން ބައްދަލުކުރި ދެވަނަ ފަހަރެވެ. މި ދެ ޓީމުން އެންމެ ފުރަތަމަ ބައްދަލު ކުރީ 1982 ވަނަ އަހަރު އޮތް ޔޫރަޕިއަން ކަޕުގެ ފައިނަލުގައެވެ. އެ ފައިނަލުގައި އެސްޓަން ވިލާއިން ވަނީ ބަޔާން ބަލިކޮށް އެ ކްލަބުގެ ފުރަތަމަ ޔޫރަޕިއަން ޓްރޮފީ ހިއްލާލާފައެވެ.
ރޭގެ މެޗުގައި ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ ބަޔާންއެވެ. މެޗު ފެށިގެން ބަޔާނުން ވަނީ ހަމަލާއަކަށް ފަހު ހަމަލާއެއް އެސްޓަން ވިލާގެ ގޯލާ އަމާޒުކޮށް ފޮނުވާލާފައެވެ. ނަމަވެސް ވިލާގެ ގޯލްކީޕަރު އެމީލިއާނޯ މާޓިނޭޒް ވަނީ ހުށިޔާރުކަމާއެކު މި ހަމަލާތައް މަތަކޮށްފައެވެ.
އެސްޓަން ވިލާއިން މެޗުގައި ކާމިޔާބު ކުރި ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ 81 ވަނަ މިނެޓުގައެވެ. މި ލަނޑަކީ, ވިލާގެ ޕައު ޓޯރޭސް ދިން ޕާހަކުން ޖޯން ޑުރަން ކާމިޔާބު ކުރި ލަނޑެކެވެ.
އެސްޓަން ވިލާގެ މި ލަނޑަށް ބަޔާން ރައްދެއް ނުދެވުމުން މެޗު ނިމިގެންދިޔައީ 1-0 އިން ވިލާ މޮޅުވެގެންނެވެ. މި މޮޅާއެކު ވިލާ ވަނީ, 41 މެޗު ވަންދެން ޔޫސީއެލްގެ ގްރޫޕު ސްޓޭޖުގައި ބަލިނުވެ އޮތް ބަޔާނުގެ ރެކޯޑު ނިމުމަކަށް ގެނެސްފައެވެ.
މެޗުން ލިބުނު 3 ޕޮއިންޓާއެކު ވިލާ ވަނީ ތާވަލުގެ ގަދަ އަށަކަށް ޖެހިލައިފައެވެ. މެޗުން ނާކާމިޔާބުވި ބަޔާން ވަނީ ތާވަލުގެ 15 ވަނައަށް ވެއްޓިފައެވެ.