ޔުއެއެފާ ޗެމްޕިއަންސް ލީގުގައި ރޭ ވަރުގަދަ ރެއާލް މެޑްރިޑް 1-0 އިން ބަލިކޮށް ފްރާންސްގެ ލިއްލެއިން ތާރީހީ މޮޅެއް ހޯދައިފިއެވެ.

ލިއްލެގެ ސްޓޭޑް ޕިއާ މައުރޯއީ ސްޓޭޑިއަމްގައި ކުޅުނު މެޗަށް ރެއާލުން ނިކުތްއިރު އެ ޓީމު އޮތީ ޗެމްޕިއަންސް ލީގުގައި ވަރުގަދަ ފޯމެއްގައެވެ. ރެއާލުން ޗެމްޕިއަންސް ލީގް މެޗެއްގައި ބަލިނުވާތާ އަހަރެއް ވެފައިވާއިރު, އެ ޓީމު ގްރޫޕު ސްޓޭޖުގެ މެޗެއްގައި ބަލިނުވާތާ ދެ އަހަރު ވެއްޖެއެވެ.

ރޭގައި ކުޅުނު ވާދަވެރި މެޗު ފެށިގެން ރެއާލުން ވަނީ ވަރުގަދަ ކުޅުމެއް ދައްކާ, ލިލްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ރެއާލުން ހުނަރުވެރި ފޯވާޑުން ފޮނުވަމުންދިޔަ ހަމަލާތައް ލިލްގެ ޒުވާން ގޯލްކީޕަރު ލޫކަސް ކެވެލިއާ ވަނީ ހުށިޔާރު ކަމާއެކު މަތަކޮށްފައެވެ.

ލިއްލެއިން މެޗުގެ ލީޑު ނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ލިއްލެއަށް މި ޕެނަލްޓީ ލިބުނީ ރެއާލުގެ މިޑްފީލްޑަރު އެޑުއާޑޯ ކަމަވިންގާގެ އަތުން ބޯޅަ ޖެހުމުންނެވެ. މި ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައި, ލިއްލެއަށް މެޗުގެ ލީޑު ނަގައިދިނީ ޖޮނަތަން ޑޭވިޑްއެވެ.

މެޗުގެ ދެވަނަ ހާފުގައި ރެއާލުން ވަނީ އެ ޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް, އެ ޓީމުގެ ހަމަލާތައް ވަރުގަދަ ކޮށްފައެވެ. ރެއާލުގެ ކޯޗު އެންޗެލޯޓީ ވަނީ އެ ޓީމުގެ ހުރިހާ ހުނަރުވެރި ފޯވާޑުންނެއް ކުޅުމުގެ ތެރެއަށް ވައްދާ ލަނޑެއް ޖެހުމަށް މަސައްކަތް ކޮށްފައެވެ.

ރެއާލުގެ ވަރުގަދަ ފޯވާޑުންނަށް ވަނީ މެޗުގެ 90 މިނެޓު ހަމަވިއިރު ވެސް ލިއްލެގެ ޒުވާން ކީޕަރު ކެވެލިއާގެ ގޯލު ފޫއަޅުވާލެވޭ ގޮތް ނުވެފައެވެ. އެއާއެކު ލިއްލެއަށް ވަނީ 2022 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ގްރޫޕު ސްޓޭޖުގައި ރެއާލު ބަލިކޮށްފައެވެ.

މި މެޗުން ހޯދި 3 ޕޮއިންޓާއެކު ލިއްލެ އޮތީ ތާވަލުގެ 18 ވަނައިގައެވެ. މެޗުން ނާކާމިޔާބުވި ރެއާލް އޮތީ ލިލްއާ ޖެހިގެން 17 ވަނައިގައެވެ. މި ދެ ޓީމަށް ވެސް ލިބިފައިވަނީ 3 ޕޮއިންޓެވެ.