ރާއްޖެއާއި އިންޑިއާއާ ދެމެދު ވައިގެ ދަތުރުފަތުރު ކުރުމަށް ޤާއިމުކޮށްފައިވާ "އެއަރ ބަބްލް"ގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ ސުބްރަމާނިއަމް ޖަޔަޝަންކަރާ މިއަދު ބައްދަލުކުރައްވައި ދެއްވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަޙުމަތްތެރި ގުޅުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިންޑިއާ ސަރުކާރުގެ ދީލަތި އެހީތެރިކަމާއެކު 2021 ޖަނަވަރީ 20 ވަނަ ދުވަހު ރާއްޖެއަށް ކޮވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ލިބިގެންދިޔުމަކީ، ކޮވިޑް-19ގެ ހާލަތުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައެވެ.

ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި، ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހިލޭ ވެކްސިން ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ކޮވިޑް-19ގެ ހާލަތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދީފައިވާ މާލީ އެހީތެރިކަން ފާހަގަކުރައްވައި ރައީސް ވަނީ އިންޑިއާ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި، ސަރުކާރާއި، އެ ޤައުމުގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ޑރ ޖަޔަޝަންކަރްގެ ދަތުރުފުޅުގެ ތެރެއިން އިއްޔެ އެ މަނިކުފާނު ވަނީ ރާއްޖެއަށް ކޮވިޝީލްޑް ބްރޭންޑްގެ ވެކްސިންގެ އިތުރު 100,000 ޑޯޒް ހަދިޔާކުރައްވާނެކަން އިޢުލާނުކުރައްވާފައެވެ.

ޑރ ޖަޔަޝަންކަރްގެ ދަތުރުފުޅުގެ ތެރެއިން ވަނީ ދެ ޤައުމުގެ ދެމެދުގައި ބައެއް އެއްބަސްވުންތަކުގައި ސޮއި ކުރައްވައިފައެވެ. އޭގެތެރޭގައި، ޑޮލަރ ކްރެޑިޓް ލައިން އެއްބަސްވުން މުރާޖަޢާކުރުމާއި، ނ. ކެނދިކުޅުދޫގައި ގޭދޮށު މަސް ޕްލާންޓް ބިނާކުރުމާ ގުޅޭ އެއްބަސްވުމާއި، ދެމެހެއްޓެނިވި ޢުމްރާނީ ތަރައްޤީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ބްރޯކްޑްކާސްޓިންގގެ ދާއިރާ ތަރައްޤީކުރުމާއި، އައްޑޫ ސިޓީގެ މަގު ހެދުމާއި ފެންހިންދާ ނިޒާމު ޤާއިމުކުރުމާ ގުޅޭ އެއްބަސްވުމާއި، ދިފާޢީ ދާއިރާގެ މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުން ހިމެނެއެވެ.