ޗާގޯސް ރަށްތަކުގެ ސިޔާދަތު މޮރިޝަސްއަށް ދޫކޮށްލުމަށް ޔުނައިޓެޑް ކިންގްޑަމުން ނިންމައިފައެވެ. މި ފިޔަވަޅާއެކު 50 އަހަރު ދުވަހުގެ ދެބަސްވުންތަކަށް ނިމުމެއް އައިސްގެންދާނެއެވެ.

މި އެއްބަސްވުމަކީ އަހަރުތަކެއް ވަންދެން ކުރެވުނު މަޝްވަރާތަކަކަށްފަހު ވެވުނު އެއްބަސްވުމެކެވެ. މީގެ ތެރޭގައި ހިމެނެނީ އިންޑިއާ ކަނޑުގައި އޮންނަ ޖަޒީރާ ރަށްތަކުގެ ސިޔާދަތު ބަދަލުކުރުމެވެ. މީގެ ތެރޭގައި އެމެރިކާގެ މުހިންމު އަސްކަރީ މަރުކަޒެއް ކަމުގައިވާ ޑިއޭގޯ ގާސިއާވެސް ހިމެނެއެވެ. ސިޔާދަތު މޮރިޝަސްއަށް ބަދަލުވި ނަމަވެސް، މި އަސްކަރީ މަރުކަޒު ހިންގަމުން ގެންދާނެކަން ޔޫކޭ އިން ޔަގީންކޮށްދީފައިވެއެވެ. އަދި ބޮޑުވަމުންދާ ބައިނަލްއަޤްވާމީ ސިޔާސީ ގޮންޖެހުންތަކުގެ ތެރޭގައި މި މަރުކަޒުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ.

ޔޫކޭ އާއި މޮރިޝަސްގެ ބޮޑުވަޒީރުން މި އެއްބަސްވުން ސިފަކޮށްފައިވަނީ ސުލްޙަވެރިކަމާއެކު މައްސަލަ ޙައްލުކުރުމާއި ޤާނޫނުގެ ވެރިކަމުގެ ހެއްކެއްގެ ގޮތުގައެވެ. މި މުޢާހަދާ ފުރިހަމަ ކުރުމުގައި މޮރިޝަސްއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ޗާގޯސް އަހުލުވެރިން އަލުން އާބާދުކުރުމުގެ ޕްލޭންތައް ހިމެނޭނެއެވެ. ނަމަވެސް މިކަން ޑިއޭގޯ ގާސިއާގައި ނުހިމެނޭނެއެވެ.

މި ނިންމުން އައިސްފައިވަނީ ޔޫކޭ އަށް ކޮލޮނައިޒްކުރުން ނިމުމަކަށް ގެނައުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އިތުރުވަމުންދާ ޕްރެޝަރާ ކުރިމަތިލާންޖެހުމުންނެވެ. ފާއިތުވި އަހަރުތަކުގައި އދ. ގެ މުއައްސަސާތަކާއި އެފްރިކާގެ ޤައުމުތަކުން ވަނީ މޮރިޝަސްގެ ދަޢުވާއަށް އިތުރަށް ތާއީދުކޮށްފައެވެ. މި ޑިޕްލޮމެޓިކް ކުރިއެރުން ލިބުނު ނަމަވެސް، ބައެއް ޗާގޯސާގޯސް އަހުލުވެރިން ވަނީ މަޝްވަރާތަކުން އެމީހުން އެއްކިބާކޮށްފައިވާތީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި އެމީހުންގެ ވަޠަނުގެ ކަންކަން ނިންމުމުގައި އެމީހުންގެ އަޑު އިވިފައިނުވާކަމަށް ދެކެއެވެ.

މި މުޢާހަދާ ވަރަަށް އަވަހަށް ތަސްދީޤުކުރެވޭނެކަމަށް ބެލެވޭއިރު، މިއީ އިނގިރޭސިވިލާތުގެ އެންމެ ފަހުގެ ސަރަހައްދީ މައްސަލަ ނިމުމަކަށް އައިސް، ޔޫކޭ-މޮރިޝަސް ގުޅުމަށް މުހިންމު ބަދަލެއް ގެނެސްދޭނެ މުއާހަދާއެކެވެ.