ދިވެހި ބަސް ކުރިއަރުވައި ތަރައްގީ ކުރުމަކީ އެންމެންގެ ވެސް ވާޖިބެއް ކަމަށް ރާއްކޭގެ ކުރީގެ ރައިސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މާދަރީބަހުގެ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ވިދާޅުވުމުގެ ގޮތުން ކުރެއްވި ޓުވީޓެއްގައެވެ. މާދަރީ ބަހުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހެވެ.

ރައީސް މައުމޫން ވިދާޅުވެފައިވަނީ މާދަރީ ބަހަކީ ގައުމިއްޔަތުގެ ބިންގާ ކަމަށެވެ. "އަޅުގަނޑުމެންގެ މާދަރީބަހަކީ ދިވެހިޤައުމިއްޔަތުގެ ބިންގާ. ވީމާ ދިވެހިބަސް ކުރިއަރުވައި ތަރައްޤީކުރުމަކީ އަޅުގަނޑުމެންގެ ވާޖިބެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މައުމޫނަކީ އަބަދުވެސް ދިވެހިބަހަށް އިސްކަން ދެއްވާ ބޭފުޅެކެވެ. ވާހަކަ ދެއްކުން ތެރިއެކެވެ. މޮޅު ލިޔުންތެރިއެކެވެ. އެމަނިކުފާނުގެ ވެރިކަމުގައި ވަނީ އދ. ގައި ދިވެހި ބަހުން ތަގުރީރު ވެސް ކުރައްވައިފައެވެ.