އެމެރިކާގެ މޭޖަރ ލީގް ސޮކާ (އެމްއެލްއެސް) ގައި ކުޅެމުން އަންނަ އިންޓާ މިއާމީއަށް ފީފާގެ ކްލަބު ވޯލްޑް ކަޕުން ޖާގައެއް ހައްގު ކަމަށް ގަބޫލުކުރާ ކަމަށް އެ ކްލަބުގެ ކޯޗު ޖެރާޑޯ މާޓީނޯ ބުނެފިއެވެ.
އެންމެ 7 ޓީމު ވާދަކުރަމުން އައި ކްލަބު ވޯލްޑް ކަޕުގެ ފޯމެޓު ބަދަލުކޮށް, ޖުމްލަ 32 ޓީމަކަށް ބައިވެރިވެވޭ ގޮތް ފީފާއިން ހަދާފައިވާއިރު, އެމެރިކާގެ ފަސް ކްލަބަކަށް 2025 ވަނަ އަހަރުގެ މުބާރާތުން ޖާގަ ލިބޭނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފާއިތުވެދިޔަ ހަތަރު ސީޒަނުގައި ކޮންކެފް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ހަތަރު ޓީމުގެ އިތުރުން ފީފާއިން ނިންމާ އެއް ޓީމެކެވެ.
ކްލަބު ވޯލްޑް ކަޕުން އެމެރިކާގެ ކްލަބަކަށް ބާކީ ލިބެން އިން ޖާގައިގެ ވާހަކަދައްކަމުން, ދާދި ފަހުން މިއާމީއަށް ސަޕޯޓާސް ޝިލްޑް ކާމިޔާބު ކޮށްދިން މާޓީނޯ ބުނި ގޮތުގައި އެ ޓީމަށް އެ ޖާގަ ހައްގެވެ.
"ސަޕޯޓާސް ޝިލްޑް ކާމިޔާބު ކުރުމުން އަހަރެމެންނަށް ކްލަބު ވޯލްޑް ކަޕުން ޖާގަ ލިބުމުގެ ފުރުސަތު ވަރަށް ބޮޑު. ޔަގީންކަމާއެކު އެއްޗެއް ބުނެވޭނީ ފީފާގެ ނިންމުމަށްފަހު. އެ ޖާގަ ހައްގުވާން ކުރަން ޖެހޭ މަސައްކަތްތައް އަހަރެމެން ކޮށްފިން ކަމަށް ގަބޫލުކުރަން" ކްލަބު ވޯލްޑް ކަޕާ ބެހޭ ގޮތުން ވަހަކަދައްކަމުން މާޓީނޯ ބުންޏެވެ.
މާޓީނޯގެ އިރުޝާދުގެ ދަށުން މިއާމީ ވަނީ މި މަހުގެ 2 ވަނަ ދުވަހު ސަޕޯޓާސް ޝީލްޑް ކާމިޔާބު ކުރަން ކޮލަމްބަސް ކްރޫއާ ދެކޮޅަށް ކުޅުނު މެޗު 3-2 އިން ކާމިޔާބު ކޮށް, އެމްއެލްއެސްގައި މި ވަގުތު އޮތް އެންމެ ވަރުގަދަ ޓީމުގެ މަގާމު ހާސިލުކޮށްފައެވެ. މިއާމީއިން ސަޕޯޓާސް ޝިލްޑް ކާމިޔާބު ކުރި ކަމުގައިވިއަސް, މި ސީޒަނުގެ އެމްއެލްއެސް ކަޕު ކާމިޔާބު ކުރާ ޓީމަކަށް ކްލަބު ވޯލްޑް ކަޕުގެ ޖާގަ ދިނުމަކީ އެކަށީގެންވާ ކަމެކެވެ.