މި އަހަރުގެ ފެބްރުއަރީ މަހު ޑޯޕިންގްގެ މައްސަލައެއްގައި ހަތަރު އަހަރަށް ޕްރޮފެޝަނަލް ފެންވަރުގައި ފުޓުބޯޅަ ކުޅުން މަނާ ކުރި ޕައުލް ޕޮގްބާގެ އަދަބު, ދަ ކޯޓް އޮފް އާބިޓަރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އިން ލުއި ކޮށްދީފިއެވެ.
އިއްޔެ, ސީއޭއެސްގެ ޑިރެކްޓަރ ޖެނެރަލް މެތިއު ރީބް ދިން ބަސްދީގަތުމެއްގައި ވަނީ ފްރާންސްގެ ޕައުލް ޕޮގްބާއަށް ޑޯޕިންގްގެ މައްސަލައިގައި ދިން ހަތަރު އަހަރުގެ ބޭން, 18 މަހަށް ލުއިކޮށްދިނުމަށް ނިންމާފައިވާކަން ޔަގީން ކޮށްދީފައެވެ. ސީއޭއެސްގެ މި ނިންމުމާމެކު ޕޮގްބާއަށް 2025 ވަނަ އަހަރުގެ މާރިޗު މަހު ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުމުގެ ހުއްދަ ލިބިގެންދާނެއެވެ.
ބޭން ލުއިކޮށްދިނުމަށް ސީއޭއެސްއިން ނިންމި ނިންމުމާ މެދު އުފާފާޅު ކުރަމުން ޕޮގްބާ ބުނި ގޮތުގައި އޭނާގެ ހުވަފެންތައް ހާސިލުކުރުމަށް އޭނާއަށް މަސައްކަތް ކުރެވޭނެ ދުވަސްތައް އަންނާނެ ކަމުގެ އުއްމީދު އާލާވެއްޖެ ކަމަށެވެ. އޭގެ އިތުރުން ޕޮގްބާ ވަނީ ގަސްތުގައި އެންޓި-ޑޯޕިންގް ގަވާއިދުތަކާ ހިލާފު ނުވާ ކަމަށް ބުނެފައެވެ.
"އަހަރެން ވަރަށް އުފާވެއްޖެ މި 'ނައިޓްމެއަރ' ނިމުމަކަށް އައީމަ. އަހަރެން އަބަދު ވެސް ބުނަމުން އައިން ގަސްތުގަ ވޯލްޑް ޑޯޕިންގް އޭޖެންސީގެ ގަވާއިދުތަކާ ހިލާފެއް ނުވަމޭ. އަހަރެންގެ ކުށަކަށްވީ ޑަކުޓަރު އަހަންނަށް ނެގުމަށް އެންގި ބޭހެއް ނެގުން އެކަނި. އެ ބޭހަކީ އެތުލީޓެއްގެ ހުނަރުތައް ކުރިއަރުވައިދޭ ބޭހެއް ވެސް ނޫން" ސީއޭއެސްގެ ނިންމުމާ ބެހޭ ގޮތުން ވާހަކަދައްކަމުން ޕޮގްބާ ބުންޏެވެ.
ޔުވެންޓަސްއަށް ކުޅެމުން އަންނަ 31 އަހަރުގެ ޕޮގްބާ, އެންމެ ފަހުން ފުޓުބޯޅަ މެޗެއް ކުޅުނީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގައެވެ. އިޓަލީގެ ސެރިއާގައި ޔުވެންޓަސްއާ އުޑިނީސް ބައްދަލު ކުރި މެޗަށްފަހު ނެގި ޑޯޕިންގް ޓެސްޓުން ފެއިލުވުމާ ގުޅިގެން ޕޮގްބާ އޭގެ ފަހުން ފުޓުބޯޅަ މެޗެއްގައި ކުޅެފައެއް ނުވެއެވެ.