އަތޮޅުތެރޭގެ ރަށްރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ލޯނު ދިނުމަށްޓަކައި 500 މިލިއަން ރުފިޔާ ސަރުކާރުން ކަނޑައަޅުއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ބައެއް ކެންޑިޑޭޓުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން އެ ލޯނުތައް ދޭން ފަށާނެ ކަމަށެވެ. އެއީ ބޯހިޔާ ވަހިކަން ބޭނުންވެ ނަމަވެސް ގެދޮރު އިމާރާތް ނުކުރެވި ރަށްރަކުގައި ތިބި ރައްޔިތުންނަށް ދެވޭނެ ވަރަށް ބޮޑު އެހީއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެއިތުރުން ޅ. ނައިފަރާއި ބ. ތުޅާދޫ އަދި ތ. ތިމަރަފުށީގައި 300 ހައުސިން ޔުނިޓް އެޅުމަށް ހަމަޖެހިފައިވާކަން އެމަނިކުފާނު އިއުލާން ކުރެއްވި އެވެ.

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ހުޅުމާލޭގައި މި ސަރުކާރުން ފްލެޓް އެޅުމަށްޓަކައި އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއަށް ލޯނުތަކެއް ދިނުމަށް ނިންމާފަ އެވެ.