ކުރިއަށް އޮތް އަހަރުގެ އާ ސީޒަނުގެ ފެށުން ލަސްކޮށްދެން މެންޗެސްޓާ ސިޓީއިން އެދުމުން އިނގިރޭސި ޕްރިމިއާ ލީގުން އެކަމާ ދެކޮޅު ހަދައިފިއެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނި ގޮތުގައި މި ސީޒަން ނިމުމާއެކު 15 ޖޫންގައި ފަށާ ފީފާ ކްލަބު ވޯލްޑް ކަޕުގައި ކުޅުމަށްފަހު އެ ޓީމުގެ ކުޅުންތެރިންނަށް ކުޑަ ރެސްޓެއް ދިނުމަށް ޓަކައި ދެން އަންނަ އަހަރުގެ އޮގަސްޓުގައި ފަށާ އާ ލީގު ސީޒަނުގެ ފުރަތަމަ ދެ މެޗު ލަސްކޮށްދެން އެދި ސިޓީއިން ހުށައެޅުމުން, އިނގިރޭސި ޕްރިމިއާ ލީގުން އެކަމާ ދެކޮޅު ހަދާފައިވާ ކަމަށެވެ.

"ކުރިއަށް އޮތް އާ ލީގު ސީޒަނުގެ ފުރަތަމަ ދެ މެޗު ލަސްކޮށްދެން އެދި ހުށައެޅުމުން ޕްރިމިއާ ލީގުން އެކަން ކޮށްދޭކަށް އެއްބަހެއް ނުވި. ވަރަށް ބޮޑަށް ޝުކުރިއްޔާ" ޕްރިމިއާ ލީގުން ކުޅުންތެރިންނަށް ރެސްޓު ދިނުމަށް މެޗު ފަސްކޮށްނުދިނުމުން ހިތްހަމަނުޖެހުން ފާޅު ކުރަމުން ގާޑިއޯލާ ބުންޏެވެ.

ފަހަކަށް އައިސް ފުޓުބޯޅަ ކުޅުންތެރިން ކުޅެން ޖެހޭ މެޗުތައް ގިނަވަމުން އަންނާތީ އެތައް ކުޅުންތެރިންނެއް ވަނީ އެ ކަމާ ބެހޭ ގޮތުން ނުރުހުން ފާޅުކޮށްފައެވެ. ފުޓުބޯޅައިގެ ބައެއް ސަޕޯޓަރުން އެ ކުޅުންތެރިންނާ އެއްބަސްވާއިރު އަނެއް ބައި ސަޕޯޓަރުން ދެކޭ ގޮތުގައި އެ ކުޅުންތެރިންނަށް މިލިއަނުން މިލިއަނުން ފައިސާ ލިބޭ އިރު އެ ކަހަލަ ޝަކުވާތައް ކުރުމުގެ ފުރުސަތު އޮވެގެންނުވާނެއެވެ.

ސަޕޯޓަރުންގެ ހިޔާލުތައް މި މައްސަލައިގައި ދެބައިވި ކަމުގައިވިއަސް, މެޗުތައް ގިނަވި ވަރަކަށް މަތީ ފެންވަރުގައި ކުޅޭ ކުޅުންތެރިންނަށް ދިމާވާ ސީރިއަސް އިންޖަރީތައް އަންނަނީ ގިނަވަމުންނެވެ. ކަންކަން މިހެން އޮތް ކަމުގައިވިއަސް ފީފާއިން ފުޓުބޯޅަ ޓީމުތައް ކުޅޭ މެޗުތައް މަދުކުރަން މަސައްކަތް ނުކުރާތީ އެތައް ފަރާތަކުން އަންނަނީ ފީފާއިން ކުޅުންތެރިންގެ ސިއްހަތަށްވުރެ ފައިސާއަށް އެދުންވެރިވާކަމަށް ތުހުމަތު ކުރަމުންނެވެ.