އިސްލާމްދީނާއި، އިސްލާމީ ޙަޟާރަތު ކުރިއަރުވާނެ ސަރުކާރެއް މިއަދު ދިވެހިރާއްޖޭގައި ޤާއިމްވެފައި އޮތްކަމީ ޝުކުރުވެރިވާން ޖެހޭ ކަމެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވުނު ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އިސްލާމްދީން ކުރިއަރުވާނެ ސަރުކާރެއް ނެތްނަމަ މިއަދު އަޅުގަނޑުމެން ތިބޭނީ ހިތާމަކުރަންޖެހޭ ފަދަ ޙާލަތެއްގައި ކަމަށެވެ. އަދި ދީނަށް ނަޞްރު ދޭނެ ސަރުކާރެއް ޤާއިމްވެފައި އޮތްކަމީ ލިބިފައިވާ ނިޢުމަތެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ނުވަސަތޭކަ އަހަރު ވަންދެން އިސްލާމީ ޙަޟާރަތު ރާއްޖޭގައި ދެމިގެން އައީ އެކި ޒަމާންތަކުގައި އެކި ވެރީން ކުރެއްވި މަސައްކަތްޕުޅު ތަކުންކަމަށެވެ. އަދި މި ދައުރުގެ ތެރޭގައި ކުރެވޭ މަސައްކަތްތަކަކީ ކުރިއަށް މިއޮތް ޤަރުނަށް އިސްލާމީ އަޤީދާއާއެކު ވަރުގަދަ ކަމާއެކު ފޯރުކޮށްދެވޭނެ މަސައްކަތްތަކެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމަށް ބޭއްވުނު މި ޖަލްސާގައި ވަޒީރު ދެއްކެވި ވާހަކަފުޅުން އެނގިގެންދިޔައީ، އިސްލާމްދީނާއި އިސްލާމީ ޙަޟާރަތު ކުރިއެރުވުމަށް މިހާރުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މުހިންމުކަމެވެ. އަދި މިފަދަ ސަރުކާރެއް އޮތުމަކީ ދިވެހި ރައްޔިތުން ޝުކުރުވެރިވާންޖެހޭ ކަމެއްކަމަށް ވަޒީރު ދެކެވަޑައިގަންނަވާކަން ވެސް ހާމަވެގެން ދިޔައެވެ.