އުމުރުން ދުވަސްވީ މީހުންގެ އަތުން ފޭރޭ މައްސަލަތައް އިތުރުވާތީ ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން ބުނީ އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ހިންގޭ މަކަރާއި ހީލަތުގެ އަމަލުތައް އިތުރުވަމުންދާކަން ދިވެހި ފުލުހުންގެ ހިދުމަތަށް ވަނީ ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން، އުމުރުން ދުވަސްވީ މީހަކާ ދިމާވުމުން، ދަންނަ މީހެއްގެ ގޮތުގައި ތައާރަފުވެ، ދުވަސްވީ މީހުންގެ އިތުބާރު ހޯދުމަށްފަހު އެކި ތަންތަނަށް ގެންގޮސް، ދުވަސްވީ މީހުންގެ އަތުން ފޭރުމުގެ މައްސަލަތައް ދިވެހި އެ ހިދުމަތަށް ދަނީ ހުށަހެޅެމުން ކަމަށްވެސް ފުލުހުން ބުންޏެވެ.

އަދި މިފަދަ އަމަލުތަކާއި މިފަދަ ކުށްތަކަށް އަރާގަންނަ ފަރާތްތަކާމެދު ސަމާލުވުމަށް، އާންމު ރައްޔިތުންނަށް، ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށާއި އެ މީހުންގެ އާއިލާތަކަށް، ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ހަމައެއާއެކު މިފަދަ ކަމެއް ދިމާވެއްޖެ ނަމަ ނުވަތަ އެފަދަ ކަމަކަށް ތުހުމަތު ކުރެވިއްޖެނަމަ ދިވެހި ފުލުހުންގެ ހިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ އިމަޖެންސީ ނަންބަރު 119 އަށް ގުޅުއްވައި ރިޕޯޓްކުރެއްވުމަށްވެސް އެ އިދާރާއިން ވަނީ އެދިފައެވެ.