މާލޭ ސިޓީން 50،000 އަށް ވުރެ ގިނަ މީހުން ވެކްސިން ޖަހައިފި އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް މާލޭ ސިޓީން ވަނީ ޖުމްލަ 56،979 މީހަކު ވެކްސިން ޖަހާފަ އެވެ. އާދީއްތަ ދުވަހު މާލޭ ސިޓީން ވެކްސިން ޖެހީ 5،004 މީހުންނެވެ.

ރާއްޖޭގައި ކޮވިޑް އެންމެ ބޮޑަށް ފެތުރިފައި ވަނީ މާލޭ ސިޓީގަ އެވެ. އެ ސިޓީގައި ކޮވިޑްގެ ކޭސްތައް އަނެއްކާވެސް އިތުރުވާން ފެށުމުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އެގޮތުން މާލޭ ސިޓީގައި ކައިވެނި ޕާޓީ ތަކާއި ހަފްލާތައް ބޭއްވުން ވެސް މަނާކުރި އެވެ. އަދި ހަވީރު 6:00 އިން ފެށިގެން ހެނދުނު 6:00 އަށް މާލޭ ސިޓީގައި އެއްގަމު އުޅަދު ދުއްވުން ވެސް ވަނީ މަނާކޮށްފަ އެވެ. ހަމައެހެންމެ އެއްފަހަރާ 10 މީހުންނަށް ވުރެ ގިނަ މީހުން އެއްވުން ވެސް ވަނީ މަނާކުރައްވާފަ އެވެ.

މި ހުރިހާ ފިޔަވަޅުތައް އެޅީ މާލޭ ސިޓީގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ ކޭސްތައް މަދު ކުރުމަށްޓަކަ އެވެ. ފިޔަވަޅުތައް ވަރުގަދަ ކުރީ މާލޭގެ ކޭސްތައް 40 އިން ދަށުގައި ހުރުމަށްފަހު ކުއްލިއަކަށް 100 އިން މައްޗަށް އަރަން ފެށުމުންނެވެ. ފިޔަވަޅުތައް ވަރުގަދަ ކުރިތާ ހަފްތާއެއް ވީއިރުވެސް މާލޭގެ ކޭސްތައް ދަށެއް ނުވެ އެވެ. ކޮންމެ ދުވަހަކު ވެސް ރެންޑަމް ސާމްޕަލްތަކުން ވެސް މާލޭ ސިޓީގައި މީހުން އަންނަނީ ޕޮޒިޓިވްވަމުންނެވެ.

އެހެންކަމުން މިކަމަށް އޮތް ހައްލަކީ ވީހާވެސް ގިނަ ބަޔަކު ވެކްސިން ޖެހުމެވެ. މާލޭ ސިޓީގެ އާބާދީގައި 140،000 އަށް ވުރެ ގިނަ މީހުން އުޅެ އެވެ. އެ ސިޓީގައި އުޅޭ ބިދޭސީންގެ އަދަދު އޭގެތެއަށް ލުމުން އަދަދު ބޮޑުތަނުން އިތުރުވާނެ އެވެ. އެހެންކަމުން ދޮޅު ލައްކައެއްހާ މީހުން މާލޭ ސިޓީން ވެކްސިން ނުޖަހަނީސް އެ ސިޓީގައި އޮތް ކޮވިޑްގެ ނުރައްކާ ކުޑަވެދާނެ ކަމަށް ނުބެލެވެ އެވެ.